ޕްރައިމެރީ ސްކޫލްކުދިން ބުރުގާއެޅުން މަނާކުރި ގާނޫނު އޮސްޓްރިއާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އޮސްޓްރިއާގެ ޕްރައިމެރީ ސްކޫލްތަކަށް ކިޔަވަންދާ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކޮށް އޮސްޓްރިއާގެ ޕާލަމެންޓުން ފާސްކުރި ގާނޫނު، ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ޕްރައިމެރީ ސްކޫލްތަކުގެ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އެޅުން މަނާކުރާ ގާނޫނުގެ ދެލިކޮޕީ 2019 ވަނަ އަހަރު ޕާލަމެންޓަށް ހުށަހެޅީ، އޮސްޓްރިއާގައި މިހާރު ވެރިކަންކުރާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ބޮޑުވަޒީރު ސަބާޝިއަން ކުރްޒްގެ އޮސްޓްރިއަން ޕީޕަލްސް ޕާޓީއާއި، ފްރީޑަމް ޕާޓީ އޮފް އޮސްޓްރިއާއިންނެވެ.
ޕާލަމެންޓުން މި ބިލް ފާސްކޮށް ގާނޫނަކަށް ހެދިއިރު، އޭގައި ކަނޑައަޅައި ބުނެފައިވަނީ، ދީން ރަމްޒުކޮށްދޭ ގޮތަށް ބުރުގާ އެޅުމާއި، އެ ބާވަތަށް ހެދުން އެޅުމަކީ މަނާކަމެއް ކަމަށެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މުސްލިމް ދެ ދަރިވަރެއްގެ އާއިލާގެ ފަރާތުންނެވެ.
އެދެ އާއިލާއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޕާލަމެންޓުން ފާސްކުރި ގާނޫނަކީ އަންހެން ކުދިންނާމެދު ތަފާތުކުރުމުގެ ގާނޫނެއް ކަމަށާއި، އަދި މި ގާނޫނުގެ ސަބަބުން އެމީހުންގެ ދަރިންނަށް ތައުލީމު އުނގެމުން މަހްރޫމް ކުރެވިގެންދާ ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު އޮސްޓްރިއާގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާލަމެންޓުން ފާސްކުރި ގާނޫނަކީ ދައުލަތުން ރަސްމީގޮތުން ގަބޫލުކުރާ ދީންތަކާމެދު އަމަލުރުމަށް ލާޒިމްކުރާ އަސާސްތަކާ ޚިލާފް ގާނޫނެއް ކަމަށެވެ.
ޕާލަމެންޓުން ފާސްކުރި ގާނޫނުގައި، ޔަހޫދީން އަޅާ ކިއްޕާ، ސިކުންގެމީހުން އަޅާ ފަގުޑި މަނާކޮށްފައި ނުވާކަން ފާހަގަކޮށް އޮސްޓްރިއާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ، މިއީ، ސީދާ މުސްލިމުންނަށް އަމާޒުކޮށްފައިވާ ގާނޫނެއް ކަމަށާއި، ގާނޫނުހަދާ މަޖިލީހުން ގާނޫނުތައް ހަދާއިރު، ހުރިހާ ދީނަކާމެދުވެސް ގެންގުޅެން ޖެހޭނީ ހަމަހަމަ އުސޫލެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އޮސްޓްރިއާގެ އިސްލާމިކް ފެއިތު އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން އަދުލުއިންސާފަށް އެމީހުން ކުރާ އިތުބާރު ބޮޑުވެގެން ހިނގައްޖެ ކަމަށެވެ.
އޮސްޓްރިއާގެ ބޮޑުވަޒީރު ސަބާޝިއަން ކުރްޒް ކޯލިޝަން ހަދައިގެން އުޅޭ ފްރީޑަމް ޕާޓީ އޮފް އޮސްޓްރިއާ އަކީ، އެ ގައުމަށް ހިޖުރަވެރިން އައުމާ ވަރަށް ބޮޑަށް ދެކޮޅު ޕާޓީއެކެވެ.
ފްރީޑަމް ޕާޓީ އޮފް އޮސްޓްރިއާގެ ބާރު އެޅުމުގެމަތިން މިހާރުއޮތް ކޯލިޝަން ސަރުކާރުން ހިޖުރަވެރިންގެ މައްސަލާގައި ގެންގުޅެނީ ވަރަށް ހަރުކަށި ސިޔާސަތުތަކެކެވެ. ސަރުކާރުން ބުނަމުންދަނީ، އޮސްޓްރިއާގެ މުޖުތަމައުން އިސްލާމްދީނަށް އެއްވެސް ޖާގައެއް ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ