މުޅި ދުނިޔެއަށް އައްޑޫ ހުޅުވާލީ ޔާމީން: ޝުޖާއު

އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓާއި އަދި ކައުންސިލް ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު އައްޑޫ މުޅީ ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމަށް ރައްދު ދެއްވަމުން ރޭ ބޭއްވި ޖަލްސާއެއްގައި ޝުޖާއު ވިދާޅުވީ އައްޑޫ ދުނިޔެއަށް ހުޅުވެން އޮތީ އައްޑޫގެ މޭޔަރަކަށް އެމްޑީޕީގެ ބޭފުޅަކު ހުރެގެން ކަމަށް ނަޝީދު ވިދާޅުވާއިރު އެ މަގާމުގައި މިހާރު ވެސް ހުންނެވީ އެމްޑީޕީގެ ބޭފުޅެއްކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އައްޑޫ ސިޓީގެ ރައްޔިތުން ދުނިޔެ އަށް ހުޅުވާލީ ރައީސް ޔާމީން. ބޭރު ގައުމުތަކުގެ ފަތުރުވެރިން ޑައިރެކްޓްކޮށް، ސްރީލަންކަން އެއާލައިންސް އައްޑޫ ސިޓީ އަށް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިދިނީ ރައީސް ޔާމީން. އެއޮތީ ދުނިޔެ އަށް ހުޅުވާލަދީފައި" ޝުޖާއު ވިދާޅުވިއެވެ.
އައްޑޫ މިހާރު ވެސް އޮތީ ދުނިޔެ އަށް ހުޅުވިފައި ކަމަށާއި އެމްޑީޕީން ދެން ޖެހޭނީ އައްޑޫ ޖައްވަށް ހުޅުވަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ދުނިޔެ އަށް ހުޅުވިގެންދާނެ ކަމަށް ނަޝީދު ވިދާޅުވެފައިމިވަނީ އައްޑޫގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ލަތީފް ވަނީ އިންޑިއާގެ އެހީގައި އިމާރާތް ކުރަމުންދާ އެތަނަކީ މިލިޓަރީ ބޭސްއެއް ކަމަށާއި އައްޑޫ ރައްޔިތުން މިކަމާއި މެދު ވިސްނުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ