ނޮޅިވަރަމް ދާއިރާގެ މެމްބަރު އެމްޑީއޭއަށް ސޮއި ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ސޮއި ކުރައްވައިފި އެވެ. އެމްޑީއޭއަށް އަރީފު ސޮއި ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 6 އަކަށް އިތުރުވެފަ އެވެ. އެމްޑީއޭގެ އޮފީހުގައި ނަޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަލީ ނަސީރު އެމްޑީއޭ އޮފީހުގައި އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަރީފު ވިދާޅުވީ އެމްޑީއޭއަށް ސޮއި ކުރެއްވީ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ފެނިގެންދަނީ ނުގުޑާ އަޒުމެއްގެ ވެރިއެއްް ކަމަށް ވުމާ ގުޅިގެން ކަމަށެވެ. "އަޅުގަނޑަށް އެމްޑީއޭގެ ލީޑަރު ސިޔާމް ފެނިގެން ދަނީ ކުރާގަނޑަކަށް ގޮވާން އަރާ ފުރިފައިވާ ކުރާގަނޑެއްގެ ގޮތުގައި. އެފަދަ ކުރާގަނޑެއް ފަރާތްފަރާތައް ހޫރިގެން ނުދާނެ. އަޅުގަނޑަށް ސިޔާމް ފެނިގެންދަނީ އޮށްޓަރުން ފުރިގެންވާ ކުރާގަނޑެއްގެ މިސާލުގެ ގޮތުގައި،" ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު އަރީފުގެ ދާއިރާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިއަދަކީ ނޮޅިވަރަމް ދާއިރާއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. ސަބަބަކަށް ވަނީ މިއަދަކީ ނޮޅިވަރަމް ދާއިރާގެ ހަޔާތުގައި ވެސް އެއް ދުވަސް ތެރޭގައި އެންމެ ގިނަ އެއްބަސްވުމެއްގައި ސޮއި ކުރި ދުވަސް ކަމަށް އަރީފު ވިދާޅުވި އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ނޮޅިވަރަމް ދާއިރާއަށް ގިނަ ޕްރޮޖެކްޓް ތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި އަރީފު އެމްޑީއޭއަށް ސޮއި ކުރެއްވިއިރު އޭނާ ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގަ އެވެ. އަރީފަކީ ސަރުކާރު ހިންގާ ޕީޕީއެމަށް ވެސް ސޮއި ކުރެއްވި މެމްބަރެކެވެ. އޭނާ އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، މިހާތަނަށް ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ