މޫސުން ގޯސްވެ ކަނޑުމަތީގެ 7 ހާދިސާއެއް ހިނގައިފި

މޫސުމް ގޯސްވެ ރާއްޖޭގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ 7 ޙާދިސާއެއް ހިނގައިފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުގަދަވެ މޫސުމް ގޯސްވުމުގެ ސަބަބުން، މިއަދު މެންދުރު ތ. އަތޮޅާއި މ. އަތޮޅާއި ދޭތެރެއިން 11 ގެސްޓުންނާއެކު ދަތުރުކުރަމުންދިޔަ ''އެންސިސް ބައުންޓީ'' ނަމަކަށް ކިޔާ ސަފާރީއެއްގެ 02 ކުނބު ބިންދައިގެން ގޮސްގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާއި ގުޅިގެން، އެސަފާރީއަށް އެހީތެރިވުމުގެ ގޮތުން، އެސަރަޙައްދުން ދަތުރުކުރަމުންދިޔަ ''ނޯޓިޕްލަސް1 '' ނަމަކަށްކިޔާ ސަފާރީއާ ގުޅައި ހާލުގައި ޖެހިފައިވާ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މި ސަފާރީއަށް އެހީތެރިވުމުގެ ގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ދ. ކުޑަހުވަދޫން ޙާބަރ ކްރާފްޓް ލޯންޗެއް މިހާރު އެ ސަރަޙައްދަށް ދިޔުމަށްވަ ފުރުވާލެވިފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.
މިއަދު މާލެއިން ފުރައިގެން 30 މީހުންނާއިއެކު ބ.ދަރަވަންދޫއަށް ދަތުރުކުރި "ކުރިމަގު" ބޯޓް މޫސުން ގޯސްވުމުގެ ސަބަބުން ކ.ގާފަރަށް ވަންނަން އުޅުމުގެ ތެރޭގައި ގާފަރު ނެރުމައްޗަށް މިއަދު ހެނދުނު ވަނީ އަރާފައެވެ. މިބޯޓް ފަރަށް އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުންކޮށް، މިހާރު މިބޯޓް ވަނީ ކ. ގާފަރު ފަޅުތެރެއަށް ވަދެފައިވާ ކަމަށާއި މިބޯޓަށް ދިޔަވަމުންދާތީވެ، ކ.ގާފަރު ކައުންސިލުން އެހީތެރިކަން ފޯރު ކޮށްދެމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 08 މީހުންނާއިއެކު މަސްވެރިކަމަށް އުޅުނު "ހެދޭކުރި" ދޯނި އދ. މަހިބަދޫ ހުޅަނގުފަރާތު ފަރަށް އެރުމާއި ގުޅިގެން، ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އދ.މަހިބަދޫގެ ރައްޔިތުންނާއި އދ.މަހިބަދޫ ކައުންސިލް އަދި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.
މިއަދު ހެނދުނު ޅ.ކުރެންދޫއިން ދެމީހުންނާއި އެކު ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި "ސަވާސް ސްޕީޑް" ލޯންޗް ޅ.ނައިފަރުގެ ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުމާއި ގުޅިގެން، ލޯންޗް ވަނީ ވެރިފަރާތުން ފޮނުވި ދޯންޏެއްގެ އެހީތެރިކަމާއި އެކު ކަފުޖަހައިގެން ޅ.ނައިފަރަށް ގެންގޮސްފައެވެ.
މިއަދު ހެނދުނު ހުޅުމާލެ ފަޅުތެރެއިން ދުއްވާފައި ދިޔަ ''ފެހިވިލާ" ދޯނި އިންޖީނު ހުއްޓި، މޫސުންގޯސްވުމުގެ ސަބަބުން ދޯނި އެއްގަމު ތޮށި މައްޗަށް ލައްވުމާއި ގުޅިގެން ، މި ދޯނިވަނީ ވެރިފަރާތުން ފޮނުވި ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ފުންކޮށްފައި ކަމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.
މިއަދު ހިނގި ހާދިސާ ތަކުގެ އިތުރުން އިއްޔެ މާލެއިން ފުރައިގެން 106 މީހުންނާއިއެކު ނ.ހޮޅުދޫއަށް ދަތުރުކުރި "ހޮޅުދޫ ބޯޓް" ކޮޅުފަސްކޮޅަށް ރާޅެއް އަރާ ބޯޓަށް ދިޔަވުމާއި ގުޅިގެން، ބޯޓުން މާލެ އައުމަށް އެދުނު ފަސް މީހުން ރޭ ފަތިހު ވަނީ މާލެ ގެނެސްފައެވެ.
އަދި އިއްޔެ ހަވީރު ކ.ތިލަފުށިން ބާލައިގެން ވިލިމާލެއަށް ދަތުރުކުރި "ރެބޫ 14" ދޯނި އިންޖީނު ހުއްޓުމާއި ގުޅިގެން ، މިދޯނި ވޭލް ސަބްމެރިން ކައިރީގައި ނަގިލިޖައްސާފައިވަނިކޮށް ދޯންޏަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވަމުން ދާތީވެ، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން މިދޯނި އަޅާފައިވަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުންވައު ކަނޑައިގެން ދިޔުމާއި ގުޅިގެން ކޯސްޓްގާޑުން މިދޯންޏަށް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.
މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން މިއަދު ހުޅުމާލެއަށް ފެރީގެ ހިދުމަތް ވެސް މެދު ކަނޑާލިއެވެ. ނަމަވެސް މިހާރު ވަނީ ކޮންމެ ބައި ގަޑިއިރަކުން ފެރީއެއް ބާއްވަން ފަށާފައެވެ. މީގެ އިތުރުން ވިލިމާލެ ފެރީގެ ހިދުމަތަށް ވެސް ބުރޫ އަރާފައިވެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު މެންދުރު 1:00 އިން ހަވީރު 5:00 އަށް ޔެލޯ އެލާޓް ވެސް ނެރުނެވެ. ނަމަވެސް މިހާރު ވަނީ ޔެލޯ އެލާޓް، ވައިޓް އެލާޓަށް ދަށްކޮށްފަ އެވެ.
މެޓުން މިރޭ 12:15 އާ ހަމައަށް ނެރެފައިވާ ވައިޓް އެލާޓް ބުނާގޮތުން މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި އެވްރެޖް ގޮތެއްގައި ގަޑިއަކު 23-30 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުމް ގޯސްވެ ވިއްސާރަ، އަދި ކަނޑުގަދަ ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރަމުންދާތީ ހިކިފަސްތަންތާގައި ތިބެ ފުރައިގެން ނުދިއުމަށާއި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދަވައިގެން ދަތުރުފަތުރު ކުރެއްވުމަށް ކޯސްޓްގާޑުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ