ޑރ. ޖަމީލްއާއި ބައްދަލުކުރެއްވުމަށް އުމަރު ޔޫކޭއަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރީގެ ނާއިބް ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ބައްދަލުކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
އުމަރު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަމުން އޭނާގެ ޕަބްލިކް ވައިބާ ޗެޓް ގުރޫޕްގައި ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑަައިގަންނަވާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.
އުމަރުގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް ޑރ. ޖަމީލާއި އެމަނިކުފާނުގެ ޓީމާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު, އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާ ވެސް މިދަތުރުފުޅުގައި ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން, އިދިކޮޅު ހަރަކާތްތަކުން ކުރިން އިސް ސަފުގައި ފެނިގެން ދިޔަ ސޮބާހް ރަޝީދުއާ ވެސް ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ކަމުގައި ހުންނެވުމަށްފަހު, މަގާމުން މިދިޔަ އަހަރުގެ ޖޫން މަހު އިސްތިއުފާ ދެއްވައި, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާންކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ