އިނގިރޭސި ވިލާތުގެ ކިޔަވައިދިނުމުގެ ނިޒާމަކީ މާރަނގަޅު ނިޒާމެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ބަލައިގެންފަ އެވެ. އެމީހުންގެ މުގައްރަރަށް ކިޔަވައިދީ އެމީހުންގެ އިމްތިހާން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދެނީ އެހެންވެތާއެވެ. ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ސިސްޓަމެއް ނޫންކަމުގެ ހެކިތައް މިހާރު މިދަނީ ފެންނަމުންނެ.
އިނގިރޭސި ވިލާތުގެ ކްލާސްރޫމްތަކުގައި ދަރިވަރުންގެ ގައިގާ އަތްލުމުގެ ހުއްދަ މިހާރު ވަނީ އަލުން ދީފައެވެ. އެގައުމުގެ މިނިސްޓަރުން )ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން( ޓީޗަރުންނަށް އެ ހުއްދަ އަލުން ދޭން ނިންމީ ސްކޫލްތަކުގައި ދަރިވަރުން ހަމަނުޖެހުން ހިންގާ މިންވަރު އަހަރެއްގެ ތެރޭގައި ދެ ގުނައަށް އިތުރުވުމުންނެވެ.
އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކިޔަވައިދޭ ކޮންމެ ދުވަހަކު އެހެން ކުދިންނަށް އަނިޔާ ކުރުމާއި ޓީޗަރުންނަށް އަނިޔާކުރުން ފަދަ ކަންތައްތައް ކުރުމުގެ ސަބަބުން 1000 ކުދިން ސްކޫލުން ވަކިކުރެ އެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ އުމުރުން އެންމެ ފަސް އަހަރުގެ ކުދިން ކަމަށް އިނގިރޭސިވިލާތުގެ އެޑިއުކޭޝަން ޑިޕާޓްމަންޓާ ހަވާލާދީ ޑެއިލީމެއިލް ބުނެއެވެ.
އެ ނޫސް ބުނާ ގޮތުގައި ސްކޫލްތަކުގެ މުވައްޒަފުންނަށް ކުދިން ހަމަލާދިނުން ވެސް އިނގިރޭސިވިލާތުގައި މިއަހަރު ވަނީ މިދިޔަ އަހަރަށް ވުރެ ދެގުނަ އިތުރުވެފަ އެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ދަރިވަރުންގެ ހަމަލާތަކުގައި އަނިޔާވެގެން 44 ޓީޗަރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވެއެވެ.
އިނގިރޭސި ޕާލަމެންޓުން މިދިޔަ ހަފްތާގައި ފާސްކުރި އިސްލާހަށް އަންނަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށުމުން އެގައުމުގެ ހުރިހާ ސްކޫލެއްގައި ވެސް މިހާރު އޮތް ކުދިންގެ ގައިގާ އަތްނުލުމުގެ ގަވާއިދު އުވާލަން ޖެހެއެވެ.
މިހާރު އިނގިރޭސިވިލާތުގައި އަމަލުކުރަމުން އަންނަ ގަވައިދުގެ ދަށުން ކުއްޖަކަށް މިއުޒިކް އިންސްޓްރޫމެންޓެއް ދަސްކޮށް ދިނުމަށް ނުވަތަ ކްލާސްތެރޭގައި ހިނގާ އެކްސިޑެންޓެއްގައި ވެސް ކުއްޖަކުގެ ގައިގާ އަތެއް ނުލެވެ އެވެ. ނަމަވެސް އާ ގަވައިދުގެ ދަށުން ސްކޫލްތެރޭގައި ހަމަނުޖެހުން ހިންގާ ކުދިން ހުއްޓުވުމަށް އެކަށީގެންވާ ބާރުގެ ބޭނުންކުރުމުގެ ހުއްދަ ޓީޗރުންނަށް ލިބެ އެވެ.
އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ކޮންމެ ހަތަރު ޓީޗަރުންގެ ތެރެއިން އެކަކާ ދެކޮޅަށް ދަރިވަރުންގެ އާއިލާތަކުން ދޮގު ދައުވާތައް ކުރެއެވެ. އެކަމުގެ ސަބަބުން ގިނަ ޓީޗަރުންތަކެއް މިހާރު ދަނީ އެ ދާއިރާއާ ދުރުވަމުންނެވެ.
އިނގިރޭސިންގެ މޮޅު ސްކޫލް ސިސްޓަމް ފޭލްވެ، ގަޔަށް އަތް ލުމުގެ ހުއްދަ ޓީޗަރުންނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ