މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފި

ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ މޫސުން ގޯސްވެ ވިދާ ގުގުރައި، ގަދަވަޔާއެކު ވާރޭވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާތީ ހުރިހާ ފަރާތަކުންވެސް އެކަމަށް ސަމާލުކަންދެއްވައި ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ މޫސުން ގޯސްވެ ކަނޑުގަދަވެއްޖެނަމަ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމުގެ ޔަޤީންކަން ހޯއްދެވުމަށްފަހުނޫނީ ދަތުރަށް ނުފެއްޓެވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ހަމައެހެންމެ ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯއްދަވައި ރޭގަނޑުގެ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނުކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށާއި މިގޮތުން ކުރާ ދަތުރުތަކުގައިވެސް ރައްޔިތުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ދަތުރު ކުރެއްވުމަށްވެސް ހަނދުމަފުޅުކޮށް އަރުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު މަތީ ހިނގާ މީހުންނާއި އެއްޗެތި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި ދުއްވާ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއްލިބި އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށްވެސް މިފުރުޞަތުގައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މަޢުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ޙިއްސާ ކުރެއްވުމަށްވެސް ނަސޭޙަތްތެރި ވާކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ