ބަޖެޓަށް ވޯޓު ދިނުމަށް ކޯލިޝަންގެ މެމްބަރުން ކިބައިން މައުމޫން އެދިވަޑައިގެންފި

2015 ވަނަ އަހަރަށް ލަފާކުރާ ކަމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ވޯޓު ދެއްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ކިބައިން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން، ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ބަޖެޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއިން މިހާރު ވަނީ ބަޖެޓު ދިރާސާކޮށް ނިންމާފައެވެ.
ޕީޕީއެމްއާއި އެމްޑީއޭގެ ހުރިހާ މެމްބަރުން ވެސް ބަޖެޓަށް ވޯޓު ދިނުމަށް ނިންމާފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ ބަޖެޓުގައި ކަންބޮޑުވާ މައްސަލަތަކެއް އެބަހުރި ކަމަށާއި، ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީއިން ވަނީ، ބަޖެޓަށް ތާޢީދު ނުކުރަން ނިންމާފައެވެ. އަދި، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް ވަނީ، ބަޖެޓު އަލުން ދިރާސާ ކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވައި، މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ބަޖެޓުގައި އަދަދެއް ޖެހުމަށް ހުށަހަޅާ ކަމަށް ވިދާޅުވެފައެވެ.
ބަޖެޓަށް ވޯޓަށް އެހުން މިއަދު މެންދުރު ފަހު ރައޔްިތުންގެ މަޖިލީހުގައި ކުރިޔަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ