ބަދަލުގެ ސުރުހީތަކުން ޓޫރިޒަމަށް ވެސް ބަދަލުތައް!

ދިވެހިންގެ ދިރިއުޅުމަށް ބޭނުންވާ ތަކެތި ބޭރާ ގުޅިފައިވާ އިރު ރާއްޖެ އަށް ބޭނުންވާ ފައިސާ ލިބެނީ ބޭރު މީހުންނާ ގުޅިފައިވާ ޓޫރިޒަމުންނެވެ. ހަމައެއާ އެކު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ މެދު ދުނިޔޭގެ މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ އޭގެ ސީދާ އަސަރުތައް ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ވާހަކަތަކެކެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެދުވަހު ދުނިޔޭގެ ނޫސްތަކުގެ ސުރުހީތައް ހުރީ "ދިވެހި ރާއްޖޭގެ ރައީސް އިސްތިއުފާ ދެއްވައިފި!" އަދި " ފުލުހުންގެ ދެކޮޅުހެދުމަކަށް ފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވައިފި!" މިފަދަ އިބާރާތްތަކެއްގެ މައްޗަށެވެ.
އެ ސުރުހީތަކަކީ ރާއްޖޭގެ ޓޫރިޒަމަށް ނުބައި އަސަރެއް ކުރާނެ ސުރުހީތަކަށް ނުވިޔަސް، އެދުވަހުގެ އިރު އޮއްސިގެން ދިޔަ އިރު ހަބަރުތަކުގެ ސުރުހީތަކަށް ފޮޓޯތަކާއި ވީޑިއޯތައް ވެސް އިތުރުވެގެން ދިޔަ އެވެ. އަދި ޖެހިގެން އައި ދުވަހު އަވަށްޓެރި އިންޑިޔާގެ ނޫސްތަކުން ފެތުރި ބައެއް ވާހަކަތަކަކީ ސީދާ ރާއްޖޭގެ ޓޫރިޒަމް ހަލާކު ކުރުމަށް އަމާޒު ހިފާފައިވާ ވާހަކަތަކެއް ކަމަށް ވެސް ބުނެވިދާނެ އެވެ.
ރާއްޖޭގައި ހިނގަމުން އަންނަ ކަންތަތަކާ ގުޅިގެން އިންޑިޔާ އިން ދަނީ ރާއްޖޭގެ ކަންތައްތައް ކައިރިން ބަލަމުން ކަމަށާއި އިންޑިޔާގެ ކެރެލާ ސްޓޭޓްގައި އިންޑިޔާ ސިފައިން ތިބީ ރާއްޖެ އަންނަ ތައްޔާރުވެގެން ކަމަށް ވެސް އަޑު ފެތުރާފައިވެ އެވެ. އަދި މިއީ އިންޑިޔާގެ ރަނގަޅު ވަގުތެއް ކަމަށާއި އެކަމާ ވިސްނާ ކަމަށް ވެސް ބުނެފައި ހުއްޓެވެ. މާބޮޑު ހަމަނެޖެހުމެއް ނެތި ރާއްޖޭގެ ވެރިކަން ބަދަލުވި ކަމަށް ހަތް ވަނަ ދުވަހު ހެނދުނު ބުނި ނޫސްތަކުން، ވެރިކަން ބަދަލުކުރީ ހަތިޔާރުގެ ބޭނުންކޮށްގެން ގަދަކަމުން ކަމަށް ވެސް ބުނަން ފެށި އެވެ.
"އިންގިލާބު ގެންނަން މަސައްކަތް ކުރި ވިޔަފާރިވެރިންގެ ރިޒޯޓްތަކަށް ނުދިއުމަށް ނަސޭހަތް ދީފި" މިއީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުގެ ނޫހެއްގައި ލިޔެފައިވާ ސުރުހީއެކެވެ.
ބައެއް ދިވެހިންނާއި އެމީހުންނާ ގުޅިފައިވާ ބޭރުގެ ބައެއް މީޑިޔާތަކުގެ ނޫސްވެރިން ގުޅިގެން ދުނިޔޭގެ މަޝްހޫރު ނޫސްތަކުގައި މިފަދަ ސުރުހީތައް ކޮންމެ ދުވަހަކު އަޅަމުންދާއިރު އުފެދޭ ސުވާލަކީ އެފަދަ ސުރުހީތައް ދެކޭ މީހުން ރާއްޖެއާ މެދު ދެކޭނީ ކިހިނެތް ބާވަ އެވެ؟ ރާއްޖެއަކީ ހިތްގައިމު ގޮނޑުދޮށް ތަކުގައި ހާސްކަމެއް ނެތި ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލެއް ކަމަށް އެމީހުން ގަބޫލުކުރާނެ ހެއްޔޭ އެވެ؟
ރާއްޖެ އައުމަށް ހެދި 500 އަށް ވުރެ ގިނަ ބުކިންސް މިދިޔަ ހަފުތާގައި ކެންސަލް ކުރި އިރު، އެ ބުކިންސްތައް ކެންސަލް ކުރި ފަރާތްތަކުން ދައްކާފައިވާ ބަހަނާއަކީ މިފަދަ ސުވާލުތަކަށް ލިބޭ ޖަވާބެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮތް ޓޫރިޒަމް އިންޑަސްޓްރީ އިން "ޓްރެވެލް ބެކްގްރައުންޑް" ނަކަމަށް ކިޔާ މަޝްހޫރު ޓޫރިޒަމް މަޖައްލާއަކަށް ކިޔައިދީފައިވާ ގޮތުގައި ރަނގަޅަށް ހަރަދު ކުރާނެ ޓޫރިސްޓުން ދަނީ ރާއްޖޭގެ ސަލާމަތީ ކަންތައްތަކާ މެދު ސުވާލުކުރަމުންނެވެ.
އަދި އެފަދަ ސުވާލުތަކެއް އުފެދިގެން ކެންސަލް ކުރި 500 ބުކިންސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ޖުމްލަ 100 މިލިޔަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ވެސް މަޓީން ވަނީ ބުނެފަ އެވެ.
އެ ނޫހުގައި މަޓީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި ރާއްޖޭގެ ސަލާމަތާ ބެހޭ ގޮތުން ސުވާލުތައް އުފައްދަމުން ދަނީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކުގެ ވާހަކަ ބައިނަލް އަގުވާމީ މީޑިއާތަކުގެ ސުރުހީއަށް އަރަމުން ދާތީ އެވެ. ކަން މިހެން ހުރުމުން ބޭރުމީހުންގެ ނަޒަރުގައި އަދުގެ ދިވެހި ރާއްޖެއަކީ މީގެ އަހަރުތަކެއް ކުރިން ދުށް ފަދަ ހަމަ ހިމޭން، އަމާން އޮމާން ތަނެއް ނޫން ކަމަށް ގަބޫލުކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ