ތެމާގައި ދެން އޮފީސް ހިންގާނީ ޕީޕީއެމްގެ ރައީސްގެ އޮފީސްގެ ގޮތުގައި: މައުމޫން ފެކްޝަން

ހ. ތެމާގައި ހިންގަމުންދިޔަ ޕީޕީއެމްގެ އޮފީސް އެޕާޓީގެ ރައީސް މައުމޫންގެ އޮފީހުގެ ގޮތުގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ބުނެފި އެވެ.
ހ. ތެމާގައި ހިންގަމުން ގެންދިޔަ ޕީޕީއެމް އޮފީހަށް ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެކްޝަންގެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށުން ވަދެ އެތަނުގައި ހުރި ތަކެތި ގެންގޮސް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވަނީ އެ އިމާރާތުގައި ތަޅުއަޅުވާފަ އެވެ. އެހެންކަމުން މިއަދު އިރުއޮއްސުމާ ހަމައަށް ވެސް އެ އޮފީހަށް ރައީސް މައުމޫންގެ ފެކްޝަންގެ ބޭފުޅުންނަށް ވަނީ ވަދެވޭ ގޮތް ނުވެފަ އެވެ.
ނަަމަވެސް މިއަދު އިރުއޮއްސެނިކޮށް ރައީސް މައުމޫންގެ ފެކްޝަންގެ ބޭފުޅުން ވަނީ ހ. ތެމާގެ ވެރިފަރާތުގެ ހުއްދައާއެކު އެ އިމާރާތުގައި އަޅުވާފައި ހުރި ތަޅު ހަލާކުކޮށްލައިގެން އިމާރާތަށް ވަދެފަ އެވެ. އަދި ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން އިމާރާތަށް ވަދެ އެތަނަށް ދީފައި ހުރި ގެއްލުންތައް ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ވަނީ މީޑިއާ އަށް ދައްކާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ