އިންޑިއާ ސިފައިން ބާލަން ބޭނުމިއްޔާ ރައީސްކަން ހަވާލު ކުރޭ: އުމަރު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމަށް ނިމުމެއް ގެންނަން ބޭނުންވާ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ރައީސްކަން ޑީއެންއޭއާ ހަވާލު ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
އައްޑޫގައި އިންޑިޔާއިން ހުޅުވާ ކޮންސުލޭޓް އޮފީހާ ގުޅިގެން ޑީއެންއޭ އިން ނެރުނު ވީޑިއީ ބަޔާނުގައި އެ ހަރަކާތުގެ އިސްކޮށް އުޅުއްވާ އުމަރު ނަސީރު ވާހަކަ ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލައިގެން އައްޑޫގައި މިލިޓަރީ މަރުކަޒެއް ސަރުކާރުން ގާއިމް ކުރަން އުޅެނީ ކަސްޓަމްސްއަށް އޮޅުވާލައިގެން ސައިކަލެއް ރޫޅާލައިގެން ފަހަރަކު ބައެއް އެތެރެ ކުރާ އުސޫލުން ކަމަށެވެ.
އުމަރު ވިދާޅުވީ، ފުރަތަމަ އައްޑުއަށް ގެނައީ ހެލިކޮޕްޓަރަކާއި ސިފައިން ކަމަށެވެ. ދެން ގެނައީ ރާޑަރު ސްޓޭޝަން ކަމަށާއި އަދި އެއަށް ފަހުން އެޅީ މިލިޓަރީ ބޭސް އަކަށް ބޭނުން ކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް ކަމަށެވެ. ޑިޕްލޮމެޓް ކަން ދިނުމައްޓަކައި މިހާރު އުޅެނީ ކޮންސުލޭޓް އޮފީހެއް ގާއިމް ކުރަން ކަމަށް އުމަރު ވިދާޅުވިއެވެ.
އައްޑު އަތޮޅުގެ ގަމާއި، ޝަންގްރިއްލާ އާއި، އަދި ކެނެރީފް ބަންދުވެ އައްޑު އަތޮޅުގެ ރައްޔިތުންގެ ވަޒީފާތައް ގެއްލިފައިވާ މި ދަނޑިވަޅަށް ބަލައި ތަރައްގީ ކުރަން ސަރުކާރުން ވައުދުވި 8000 އެނދު ތަރައްގީ ނުކޮށް އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރުން ވެގެން ދާނީ އިންވެސްޓަރުން އައްޑު އަތޮޅަށް އައުމަށް ޖެހިލުން ވާ ކަމަކަށް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެއީ ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތަކަށް ލިބޭ ހީނަރު ކަމަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އަކީ މުއްސަނދި ގައުމަކަަށް ނުވާތީ އައްޑޫގައި ގާއިމް ކުރާ މިލިޓަރީ ބޭސްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ރާއްޖޭގައި އިނގިރޭސިން ތިބި އިރު ކުރި ކަހަލަ އެއްވެސް އިގްތިސޯދީ ފައިދާއެއް ނުކުރާނެ ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އިންޑިއާ މިލިޓަރީ ބޭސްއެއް ގާއިމް ކުރުމަކީ ރާއްޖޭގެ މިނިވަންކަމަށް އަންނަ ބޮޑު ގޮން ޖެހުމެއް ކަމަށާއި އައްޑޫގެ އިގްތިސޯދަށް ލިބޭ ގެއްލުމެއް ކަމަށެވެ. މިއީ ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގައި އެކި ނަންނަމުގައި އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމް ކުރުމަށް ހިންގާ ފުޅާ ޕްރޮގްރާމެއް ގޮތުގައި އުމަރު ސިފަކުރައްވައެވެ.
އެ ޕްރޮގްރާމް އިތުރަށް ތަފްސީލް ކޮށްދެއްވަމުން އުމަރު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ މިލިޓަރީ ބޭސް ގާއިމް ކުރަމުން ދާ ހެކިތައް ދެވާފައެވެ. އެ ގޮތުން އުތުރު ތިލަފަޅުގައި އިންޑިއާއިން އަޅަމުންދާ އިމާރާތްތަކާއި، ހދ. ހަނިމާދޫގައި ތިބި އިންޑިއާގެ ސިފައިންނާއި އެމީހުންގެ ޑޯނިއާ މަތިންދާ ބޯޓުތަކާއި، ލ. ގަމުގައި ތިބި އިންޑިއާގެ ސިފައިންނާއި އެމީހުންގެ ހެލިކޮޕްޓަރުގެ އިތުރުން އައްޑޫގައި ގާއިމް ކޮށްފައިވާ އެމީހުންގެ ވަސީލަތްތައް އުމަރު ފާހަގަ ކުރެއްވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭތިއްބުމުގެ ނޭދެވޭ އަސަރު ފެންނާނެ ކަމަށާއި އެއީ ދިވެހިންގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމެއް ކަމަށް އުމަރު ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއެންއޭއަށް ކާމިޔާބު ވެއްޖެ ނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަށް ނިމުމެއް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ