ފިތުނަ ފަސާދަ އުފައްދާނަމަ ސިންގަޕޫރާއި ހަމައަށް ރާއްޖެ ނުދެވޭނެ - މައުމޫން

ރާއްޖޭގައި ފިތުނަ ފަސާދަ އުފައްދާނަމަ ސިންގަޕޫރާއި ހަމައަށް ރާއްޖެ ނުގެންދެވޭނެ ކަމަށާއި ސިންގަޕޫރާއި ހަމައަށް ރާއްޖެ ގެންދެވޭނީ، ސިޔާސީ ހަމަނުޖެހުންތައް ނިމިގެން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދާކުރައްވަން ޖެހުނު އެންމެ މުހިންމު ވާޖިބަކީ ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީ ކުއަން ޔޫގޭ ޖަނާޒާގައި ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވުން ކަމަށާއި ލީ ކުއަން ޔޫއަކީ ސިންގަޕޫރުގެ ހަގީގީ ބާނީ ކަމަށެވެ.
"ސިންގަޕޫރު، ސިންގަޕޫރަކަށް ހެއްދެވި ބޭފުޅަކީ ލ ކުއަން ޔޫ، އެކަން ސިންގަޕޫރުގެ ރައްޔިތުން ދަނޭ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ސިންގަޕޫރު މިނިވަންވިތާ މިވަނީ 50 އަހަރު، އަޅުގަނޑުމެންނާއި އެއް އަހަރެއްގައި ސިންގަޕޫރު ވެސް މިނިވަންވީ، 1965 ވަނަ އަހަރު، މިއަހަރަކީ ސިންގަޕޫރަށް ވެސް މިނިވަން 50 އަހަރު ފާހަގަކުރާ އަހަރު." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ސިންގަޕޫރު ވަނީ މުޅި ދުނިޔެ ގަބޫލުކުރާ ފަދަ ތަރައްގީތަކެއް ހާސިލްކޮށްފައި ކަމަށާއި ސިންގަޕޫރަށް ތަރައްގީ އައިސްފައިވަނީ އެގައުމުގައި ގާއިމުވެފައިވާ ސިޔާސީ ހަމަޖެހުމުގެ ސަބަބުން ކަމަށެވެ.
އަދި އެފަދަ ސިޔާސީ ހަމަޖެހުމެއް އޮވެގެން ނޫނީ އެއްވެސް ގައުމަކަށް، އެއްވެސް ތަރައްގީއެއް ނުގެނެވޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ ބުނަމުން ގެންދަން، އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ވެސް ސިންގަޕޫރު ފަދަ ތަނަކަށް ހަދާށޭ، އެހެންވިއްޔާ އަޅުގަނޑުމެން ޖެހޭނެ ސިންގަޕޫރުން ކުރި ކަންކަން ދަސް ކުރަން، އަޅުގަނޑުމެންގެ ތެރޭގައި އޮންނަން ޖެހޭނީ ހަމަޖެހުން، ސިޔާސީ ހަމަޖެހުން، އިޖުތިމާއީ ހަމަޖެހުން، އަޅުގަނޑުމެންގެ ތެރޭގައި ތަޅައި ފޮޅުމާއި ހަލަބޮލިކަމާއި އެއް ބަޔަކު އަނެއް ބަޔަކާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ފިތުނަ ފަސާދަ އުފައްދާ ކަމަށްވާނަމަ އެއްވެސް އިރެއްގައި ސިންގަޕޫރާއި ހަމައަށް އަޅުގަނޑުމެންނަށް ނުދެވޭނެ، އަދި އެއްވެސް ތަރައްގީއެއް ހާސިލް ނުކުރެވޭނެ، މިއީ އަޅުގަނޑުމެން ސިންގަޕޫރުން ދަސްކުރަންވީ ފިލާވަޅަކީ." ރައީސް މައުމޫން ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއަކީ ވެރިކަން ހޯދުމަށްޓަކައި އޮތް މުއައްސަސާއެއް ނޫން ކަމަށާއި ކޮންމެ ސިޔާސީ ޕާޓީއެއް ވެސް ވާން ޖެހޭނީ ރައްޔިތުންނަށް މަގު ދައްކާ ސިޔާސީ ޕާޓީއަކަށް ކަމަށް ރައީސް މައުމޫން ރޭ ވަނީ ވިދާޅުވެފައެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ މަގްސަދަކަށް ވާން ވާނީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމެވެ. އަދި ސިޔާސީ ޕާޓީތައް ވާން ޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރުން ކަމަށާއި ރައްޔިތުންނަށް އުސޫލުތަކެއް ގާއިމުކޮށްދޭ ޕާޓީތަކަކަށް ސިޔާސީ ޕާޓީތައް ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ