މެމްބަރު ނާޒިމްގެ މައްސަލައިގައި މިއަދު ވެސް ހުކުމެއް ނީއްވާ

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފިއެވެ.
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތުގެ ވަކީލުންގެ އިތުރުން، ނާޒިމްއާވެސް ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.
ޝަރީއަތް ފަށަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މިއަދުގެ ޝަރީޢަތަކީ މި މައްސަލައިގައި މީގެ ކުރިން ބޭއްވުނު ޝަރީޢަތާ ގުޅޭގޮތުން ދައުލަތުން ބައެއް ވާހަކަ ދެއްކުމަށް ބޭނުންވާ ކަމަށް ބުނެފައި ވުމުން ބޭއްވި މަޖިލީހެއް ކަމަށެވެ.
މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިހާތަނަށް ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުން ނާޒިމްގެ މައްޗަށް މި ދައުވާ ސާބިތުވާ ވަރަށް ހެކި ލިބިފައި ވާކަމަށް ޤަބޫލުކުރެވޭތީ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
ނާޒިމްގެ ފަރާތުން އޭނާގެ ވަކީލް ވިދާޅުވީ ޝަރީޢަތަށް ހުށަހެޅުނު ހެކިންގެ ހެކިބަހުން ނާޒިމްގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ. އަދި ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނާ ފަދަ ހީލަތުގެ އަމަލެއް ނާޒިމް ކުރެއްވި ކަމަށް ނުވަތަ އެފަދަ ކަމެއް ކުރުމަށް ނާޒިމް އެންގި ކަމަށް ހާޒިރު ކުރެވުނު ހެކިން ނުބުނާކަން ވެސް ދިފާއީ ވަކީލް ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިފަދަ ކަމެއް ހިނގާފައި ވާކަމުގެ މައުލޫމާތު ނާޒިމަށް ލިބިފައި ނުވާކަމަށާއި، މިކަން މިގޮތަށް ހިނގާފައި ވީނަމަވެސް އެކަމުން ދައުލަތަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ނާޒިމްގެ ވަކީލް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ބެންޗުންވެސް ވަނީ އޮޅުވާލައިގެން ބިޑް ކާމިޔާބުކޮށްފައި ވާކަމަށް ބުނާ މައްސަލައިގައި ގެއްލުނު ލިބުނު ފަރާތަށް ލިބިފައި ވަނީ ކޮން ގެއްލުމެއްތޯ ސުވާލު ކުރައްވާފައެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އޮޅުވާލައިގެން ނާޒިމް މި މަސައްކަތް ކުރުވާފައި ވަނީ އެ ފަރާތަށް ފައިދާއެއް ހޯދުމުގެ ނިޔަތުގައި ކަމަށާއި، މިކަމުގެ ސަބަބުން ސަރުކާރުގެ އިތުރުން ދެ ކުންފުންޏަކަށްވެސް ގެއްލުން ލިބުނު ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ މިއީ ނާޒިމް އަންގަވައިގެން އޭނާގެ މުވައްޒަފުން ލައްވައި ކުރުވާފައިވާ ކަމެއް ކަމަށެވެ. އަދި ބިޑު ކާމިޔާބު ކުރި ކުންފުނިތަކަށް ލިބުނު ފައިސާވެސް ޖަމާވެފައި ވަނީ ނާޒިމްގެ ހިއްސާ އޮންނަ ނޭޒާ ކުންފުނީގެ އިތުރުން ނަމިރާ ކުންފުންޏައް ކަމަށެވެ.
މިކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ކުންފުނިތައް އެންޑޯސްކޮށްފައި ހުރުމުގެ ސަބަބުން އެފަދަ މުއާމަލާތެއް ހިނގާފާނެ ކަމަށެވެ.
ޝަރީޢަތް ނިންމަވާ ލައްވަމުން ފަނޑިޔާރުން ދެއްވި ފުރުސަތުގައި ދައުލަތުން ވަނީ ދެކެވުނު ވާހަކައާއި ހެކިންގެ ހެކިބަހަށް ބަލައި މައްސަލައިގެ ހުކުމް އިއްވައި ދިނުމަށް އެދިފައެވެ.
ނާޒިމްގެ ފަރާތުން ވިދާޅުވީ ދަށު ކޯޓުން ނިންމެވި ނިންމުމަށް ތާއީދު ކުރެއްވުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ