އައްޑޫ ކަރަންޓުގެ މައްސަލަ ކޮމިޓީން ބޭރުކޮށްލައިފި

އައްޑޫ ސިޓީން ކޮންމެ ދުވަހަކު ކަރަންޓް ދާ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު ބަލާ ކޮމެޓީން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ބޭރުކޮށްލާފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ނެގި ވޯޓަށް ފަހުއެވެ. މައްސަލަ ކޮމިޓީން ބޭރުކޮށްލާފައި ވަނީ ޕީޕީއެމް މެމްބަރުންނާއި އެމްޑީއޭ މެމްބަރުން ވޯޓުންނެވެ.
މައްސަލަ ބޭރުކޮށްލި ސަބަބެއް ކަމަށް މެމްބަރުން ވިދާޅުވެފައި ވަނީ މި މައްސަލަ މިހާރު މާލިއްޔަތު ކޮމެޓީން ބަލަމުންދާތީއެވެ.
ނަމަވެސް މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ސ.މީދޫ ދާއިރާގެ މެމަބަރު ރޮޒެއިނާ އާދަމް އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަނީ ރާއްޖޭގެ ކަރަންޓާ ބެހޭ މައްސަލައެއް ކަމަށެވެ.
އަދި މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހުށަހަޅާފައިވަނީ އައްޑޫ ސިޓީ އިން ކަރަންޓް ކެނޑޭ ވާހަކަ އާއި ރައްޔިތުންގެ ޖީބުން ބޮޑު ޚަރަދެއް ކަރަންޓް ބިލަށް ކުރަންޖެހޭ ވާހަކަ އާއި ސަރުކާރުން ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތުން ރާއްޖޭގެ އެކި ރައްޔިތުންގެ އަތުން އެކި މިންވަރަށް އަގު ނަގާ މައްސަލަ ކަމަށް އެ ދެ މެމްބަރުން ވިދާޅުވިއެވެ.
އެހެންކަމުން، ކޮމިޓީން މި މައްސަލަ ބޭރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ދާދިފަހުން ސަރުކާރުގެ ވަފުދެއް އައްޑޫއަށް ވަޑައިގެންނެވުމުން އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރި ކަމަށާއި ނަމަވެސް އައްޑޫގެ ކަރަންޓްގެ މައްސަލަ، ހައްލު ކުރުމުގެ ބައްދަލުވުމަށް އިދިކޮޅު ފަރާތްތަކުން ހާޒިރުވެފައި ނުވާކަމަށެވެ.
ޝާހިދުގެ ވާހަކައަށް ޖަވާބު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުގެ ވަފުދުން ރައްޔިތުންނާ ބައްދަލު ކުރައްވަން މަސައްކަތް ކޮށްފައި ނުވާކަމަށާއި، ކޮމެޓީގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ދޮގުމައުލޫމާތުގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކަވާކަމަށެވެ.
މި މައްސަލަ މީގެކުރިން ރޮޒައިނާ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ބަހުސަކާ ހަމައަށް ނުގޮސް ބޭރުކޮށްލީ މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ ޕީޕީއެމްގެ 2 މެންބަރުންގެ ވޯޓާއެކީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ