ސްކޫލު ޗުއްޓީ ފެށޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މި އަހަރުގެ ދިރާސީ އަހަރު އަންނަ ހަފްތާގައި ނިމޭއިރު، އަންނަ ހަފްތާގެ މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ބުނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާތެރޭގައި މުޅި ރާއްޖެއަށް ކެރީގެ އަސަރުތައް ފޯރާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ. އެހެންކަމުން އަންނަ ހަފްތާ ބަންދަށް، ރާޅުތައް އާދައިގެ ވަރަކަށް ބޮޑުވާނެ ކަމަށާއި މިހާރަށްވުރެ ކުޑަތަންކޮޅެއް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ. "މިހާރު ވަރަށް ލައިޓްކޮށް މިއުޅެނީ، މިހާރަށްވުރެ [އަންނަ ހަފްތާގައި] އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ،" މެޓް އޮފީހުން ބުންޏެވެ. މެޓުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ފެންނަނީ ތަންކޮޅެއް ގަދަކޮށް ކަމަށާއި ހާއްސަކޮށް ދެކުނަށް ވުރެ އުތުރާއި މެދު ރާއްޖެ ތެރެއަށް ތަންކޮޅެއް ކަނޑު ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. "ފެށޭ ހަފްތާގަ ތަންކޮޅެއް ވިއްސާރަ ވާނެ ކަމަށް ލަފާކުރެވެނީ،" މެޓް އޮފީހުން ބުންޏެވެ. ސްކޫލުތަކުގެ 'ބޮޑު ބަންދު' އަހަރުގެ މެދަށް ބަދަލު ކުރީ މިދިޔަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ