މޫސުން: ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ މުއްދަތު މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިތުރުކޮށްފިއެވެ.
މެޓް އޮފީހުން ވަނީ، މިއަދު ފަތިހު 05:00 އިން ފެށިގެން މެންދުރު 11:00 އަށް އެ ސަރަހައްދަށް އެލާޓް ނެރެފައެވެ. އެ މުއްދަތު ހަމަވުމުން އެލާޓްގެ މުއްދަތު އިތުރުކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އެކަން ހާމަކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ސަމާލުގެ މުއްދަތު 11:00 އިން 17:00 އަށް އިތުރުކޮށްފައި ވަނީ ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދުގެ ވަރެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށެވެ.
ހުޅަނގު މޫސުން ފެށުމާއެކު މި ދުވަސްރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ.
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ގައުމީ ދިފާއީ ބާރުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ