ރޭ އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ބައި އިލެކްޝަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވީ، އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ރޭ ނިންމާފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލުކުރާތީ އެވެ. އެހެންވެ މައުމޫންގެ ވިސްނުންފުޅުގައި އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމުގެ ނުރަނގަޅު ވާހަކަ، ހަގީގަތެއް ނެތްވާހަކަ ދައްކަމުންދާ ވަގުތެއްގައި ސުޕްރީމް ކޯޓުން އެނިންމެވި ނިންމެވުމުން އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިނުވާކަން އަޅުގަނޑުމެންނަށް ސާބިތުވުން. އަޅުގަނޑުމެން ގާބޫލުކުރަންވީ ހަގީގަތަކީ މިހާރުވެސް ކުރިން އެތިއްބެވިހެން އެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރިތެރި މެމްބަރުންތަކެއް. އެހެންވީމާ އެބޭފުޅުންނަށް ވަރަށްބޮޑަށް މަރުހަބާ ދަންނަވަން. އެބޭފުޅުންގެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވުމަށް ވެސް އަޅުގަނޑު ގޮވާލަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
"ސަލާމަތީ ބާރުތަކުން ޖެހޭނެ ނިކުމެ އެކަންތައްތައް ހުއްޓުވަން. ޝަރުއީ ހުކުމް ތަންފީޒު ނުކޮށް އެއަށް ދެކޮޅުހަދާ އެއަށް ގޮންޖަހާ މީހުން އެކަމަށް ނަސޭހަތްދީ، އިންޒާރުދީގެން ވާހަކަ ދައްކައިގެން، އެކަމަށް ހުރުމަތްތެރިކޮށް ނުހިއްތެވިއްޔާ ހިފާ ހައްޔަރު ކޮށްގެންވެސް ޖެހޭނެ އެކަން ކުރުވަން."
މައުމޫން ވިދާޅުވީ އެގޮތަށް އަމަލު ނުކޮށް ގައުމުގައި އަދުލްއިންސާފު ގާއިމު ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން މައުމޫން ވިދާޅުވީ މި ޖަލްސާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވޭ ޖަލްސާއެއް ކަމަށާއި އެކާމިޔާބަކީ ގޮނޑި ގެއްލުނު ކަމަށް ބަޔަކު ބުނަމުންދާ ހަގީގަތެއް ނެތް ވާހަކަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމަވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެނިންމެވުމާއި ގުޅިގެން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އާއި ނަޝީދު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތައް ވިދާޅުވަމުން ގެންދަވަނީ އެ ހަތަރު މެމްބަރުންގެ ގޮނޑު ނުގެއްލޭ ކަމަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތައް ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ބައި އިލެކްޝަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ