އަލުން ގުނިވަރަކަށް މާމިގިލި ދާއިރާގެ ވޯޓުގެ ފަރަގު ވަނީ ބޮޑު!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާމިގިލި ދާއިރާގައި ވޯޓުލުމަށް ބެހެއްޓި ފޮށިތަކުގެ ތެރެއިން މިއަދު އަލުން ގުނި ފޮށިންވެސް އެދާއިރާގެ މިހާރުގެ މެންބަރު ގާސިމް އިބްރާހީމަށް ވޯޓު ގިނަވެ އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓާ ދެމެދު އޮތް ފަރަގު ބޮޑުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނަށް ލިބުނު ޝަކުވާތަކާ ގުޅިގެން މާމިގިލި ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލް ވޯޓު ރޭ އަލުން ގުނާފައި ވަނިކޮށް، ހުށަހެޅުނު އިތުރު ޝަކުވާއަކާ ގުޅިގެން މިއަދު ވަނީ އެދާއިރާގެ އެހެން ފޮއްޓެއްގެ ވޯޓު އަލުން ގުނާފައެވެ. މިގޮތުން ގުނާފައިވަނީ މާމިގިލި ދާއިރާގައި ހިމެނޭ ފެންފުށީގައި ބެހެއްޓި ފޮށީގެ ވޯޓެވެ.
ފެންފުށީ ވޯޓުފޮށި އަލުން ގުނުމުން ގާސިމް އިބްރާހީމަށް ވަނީ 18 ވޯޓު އިތުރުވެފައެވެ. އަދި އެމަނިކުފާނާ އެންމެ ގާތުން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒަށް ވަނީ 11 ވޯޓު އިތުރުވެފައެވެ.
މާމިގިލީގައި ބެހެއްޓި ތިން ފޮށީގެ ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާ 190 ވޯޓު އަލުން ގުނުމުން ގާސިމް އިބްރާހީމަށް ވަނީ 64 ވޯޓު އިތުރަށް ލިބިވަޑައިގެންފައެވެ. އަދި އަމީޒަށް ވެސް 45 ވޯޓު އިތުރުވިއެވެ.
މިދާއިރާގެ ވޯޓު އަލުން ގުނުމުގެ ކުރިން ދެބޭފުޅުންގެ މެދުގައި އޮތީ 80 ވޯޓުގެ ފަރަގެއް ނަމަވެސް މިހާރު ދެބޭފުޅުންގެ ވޯޓުގެ ފަރަގު ވަނީ 110 އަށް މަތިވެފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ނަތީޖާ ދައްކާގޮތުން ގާސިމަށް ވަނީ ޖުމްލަ 1163 ވޯޓު ލިބިވަޑައިގެންފައެވެ. އަމީޒަށް ލިބިވަޑައިގަތީ 1053 ވޯޓެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒުގެ އިތުރަށް މާމިގިލި ދާއިރާއަށް ދެން ވާދަކުރެއްވީ ލޭބާ ޕާޓީގެ ކެންޑިޑޭޓު އަހުމަދު އިބްރާހީމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ގާސިމް އިބްރާހީމް މާމިގިލި ދާއިރާގެ ގޮނޑި މިފަހަރުވެސް ދިފާއުކުރައްވާފައިވާއިރު، އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ އިންތިޚާބުގައި މާމިގިލި ދާއިރާގެ ގޮނޑި އެމަނިކުފާނު ކާމިޔާބުކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ