ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބް ރައީސް މުހައްމަދު ފައިސަލާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް ޖޭއެސްސީގެ މެންބަރުން ވޯޓް ދެއްވި ގޮތުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެ އެވެ.
ޖޭއެސްސީގެ ނައިބް ރައީސް ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާއިރު ހައިކޯޓާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން ކަނޑައަޅާ މުއައްސަސާ އަކީ ޖޭއެސްސީ އެވެ.
ނަމަވެސް ބައެއް ބޭފުޅުންގެ ފަރާތުން ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް ކުރިމަތިލެއްވި ފަހުން ޖޭއެސްސީގެ މަސައްކަތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ފައިސަލް ޖޭއެސްސީގައި އިންނަވަނީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރުގެ ހައިސިއްޔަތުންނެވެ.
ކުރިން ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމާފައިވާއިރު އޭނާ މިވަގުތު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވެސް ކުރިމަތިލައްވާފައިވާއިރު އޭނާ ފަނޑިޔާރު ކަަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމާފައެއް ނުވެ އެވެ.
ހައިކޯޓުގައި މިވަގުތު ތިއްބެވީ ހަތް ފަނޑިޔާރުންނެ،ވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން އެ ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000 ރުފިޔާއާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި ހެލްތް އިންޝުއަރެންސް ލިބެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލާއި ޝަހީދު އައްޔަންކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ