ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކާ ބެހޭ ގަވާއިދު ހެދުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި އިޝްތިޝާރީ ލަފައަކަށް އެދި ހުށަހެޅިދާނެ ކަމަށް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި މަޖިލީހަށް އަންގައިފި އެވެ.
އިތުބާރުގެ ނެތް މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކުރި ހުކުމުގައި ވަނީ އެ ކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރާ އެއްވެސް ފަރާތެއް މަގާމުން ވަކިނުވާނެ ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހަފުތާގައި ފާސްކުރި ގަވާއިދު އޮތީ އެ ހުކުމަށް ފުށު އާރާ ގޮތަށެވެ. ކޮމިޓީން ފާސްކުރި ގަވާއިދުގައި ވަނީ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވާ ހިސާބުން އެ ފަރާތެއް މަގާމުން ވަކިވީ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ވެސް އޮންނަ ގޮތެވެ.
މި ކަމުގައި ފުށު އެރުންތަކެއް އުޅޭތީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސުޕްރީމް ކޯޓަށް މިދިޔަ ހަފުތާގައި ސިޓީއެއް ފޮނުއްވި އެވެ.
މަޖިލީހުން ފޮނުވި ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން ފޮނުވި ސިޓީގައި ވަނީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން އިޝްތިޝާރީ ލަފައަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވިދާނެ ކަމަށް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައިކަން އޮތް ގޮތާއި މެދު އުފެދޭ މުހިއްމު ސުވާލުތަކާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި މަޖިލީހުން ފާސްކުރާ ގަރާރެއް އެ ކޯޓަށް ހުށަހެޅި ދާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ މާނަކުރުމުގެ މައްސަލަތަކާއި ގާނޫނެއްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ މައްސަލަތައް ވެސް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ސިޓީ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ހުށަހެޅުމުން، އެކަމާ ގުޅޭ ގޮތުން ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ކޯޓުގެ ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އިތުބާރުގެ ނެތް މައްސަލައަކީ ގާނޫނު އަސާސީން ސީދާ މަޖިލީހަށް ދީފައިވާ ބާރެކެވެ. އަދި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ޖެހެނީ ގާނޫނު މާނަކުރުމުގެ މައްސަލަތަކުގައި ކަމަށާއި މިހާރު ހުށަހެޅިގެން އުޅެނީ އެފަދަ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި އިޝްތިޝާރީ ލަފައަކަށް އެދެވޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ