ޖަރުމަން ސަފީރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފި

ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޯން ރޯޑް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިއަދު ހަވީރު ބޭއްވި މިބައްދަލުވުމުގައި ޖަރުމަން ސަފީރުގެ އިތުރަށް ޖަރުމަން ފޮރިން އޮފީހުގެ މިސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓަރ ޖެނެރަލް މާކަސް ޕޮޒެލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ލީޑަރު ގާސިމްގެ އިތުރަށް އެޕާޓީގެ ރައީސް އަލީ ވަހީދާއި، ނާއިބުރައީސް ޑރ.އަބްދުﷲ މައުސޫމާއި، ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަނާއި، ޚާރިޖީ ކޮމިޓީގެ ޗެއާ ޑރ.އާސިމް އަހުމަދާއި، ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މިބައްދަލުވުމުގައި ޖުމްލަގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި އަދި އިންތިޚާބަށްފަހު މިހާރު ހިނގަމުންދާ ކަންކަމުގެ މައުލޫމާތު އެބޭފުޅުން އޮޅުންފިލުއްވާފައިވާ ކަމަށެވެ. މީގެ އިތުރަށް ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާ ޖަރުމަންވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެބޭފުޅުން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޖަރުމަންވިލާތުން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަމަށްޓަކައި ގާސިމް އިބްރާހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ