މޫސުން ގޯސް، ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖޭގެ މޫސުން މިދުވަސް ވަރު ގޯސްވެފައިވުމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރަމުން މިދާ ވިއްސާރަ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވައިގަދަވެ ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ އަންމުކޮށް ހުރިހާ ފަރާތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާގޮތައް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާތީވެ ވައިޓް އެލާޓެއް ވެސް ނެރިފައިވާ ކަމަށެވެ. އަދި މިއެލާޓް ނެރިފައި ވަނީ މުޅި ރާއްޖެއަށް މިއަދު މެންދުރު 11:30 އިން ފެށިގެން ހަވީރު 5:30 އާހަމައަށް ކަަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އަށް އޮތް 24 ގަޑިއިރުގެ ތެރޭ އުތުރު އަތޮޅުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށައި އެހެން ހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، އުތުރުއަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ