އުތުރުގެ ތިން ރަށެއްގެ އިންޖީނުގެ ބަދަލުކުރަން އިއުލާންކޮށްފި

ރައްޔިތުންނަށް އުނދަގޫވާ ހިސާބުގައި ހުރި ތިން އިންޖީނުގެއެއް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް އަޕާ ނޯތު ޔުޓިލިޓީޒް ލިމިޓެޑުން އިއުލާނުކޮށްފި އެވެ.
އަޕާ ނޯތު ޔުނިލިޓީޒް ލިމިޓެޑުން ބިޑަށް ހުޅުވާލާފައިވާ ތިން އިންޖީނުގެއަކީ ހއ. މާރަންދު އާއި ށ. ޅައިމަގު އަދި ކޮމަންޑޫ އިންޖީނުގެ އެވެ. އެ ކުންފުނިން ހުޅުވާލާފައި ވަނީ އަމިއްލަ ތަކެތީގައި އިންޖީނުގެ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން 6 މެއިގެ ނިޔަލަށް ބިޑް ހުށަހަޅަންޖެހެ އެވެ.
ރާއްޖޭގެ ޔުޓިލިޓީޒް ހިދުމަތްތައް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނުން ކުރިން ބުނެފައިވަނީ 40 ރަށެއްގައި އިންޖީނުގެ ހުރި ތަން ނޫން އެހެން ތަނަކަށް ބަދަލުކުރަންޖެހިފައިވާ ކަމަށެވެ. އަޑު ގަދަވުމާއި ދުމުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރެވޭ 22 ރަށެއްގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލް ވިދާޅުވެފައިވަނީ މި ގޮތަށް ބަދަލުކުރެވޭ ރަށްރަށުގެ އިންޖީނުތައް ފެންވަރު މަތިކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ގޮތުން ތ. ދިޔަމިގިލީ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމަށް ފެބްރުއަރީ މަހު ބަޔަކާ ހަވާލުކޮށްފައިވާ އިރު މި ތަނުގައި 160 ކިލޯވޮޓްގެ އާ އިންޖީނެއް ބެހެއްޓުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ