ރައްޔިތުންގެ މަޖިލީހުގައި މައުމޫން ޖަވާބުދާރީވެވަޑައިގަންނަވާނެތޯ ނަޝީދު ސުވާލު އުފައްދަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ސަރުކާރުގައި ހިންގާފައިވާ ކަންކަމާ ގުޅިގެން އެމަނިކުފާނު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނެތޯ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ސުވާލު އުފައްދަވައިފި އެވެ.
އުސް ފަސްގަނޑުގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހަމަޖެއްސެވި އުސޫލަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި އިރު މައުމޫންގެ 30 އަހަރާ ގުޅޭގޮތުން އެމަނިކުފާނު ވެސް ޖަވާބުދާރީވެވަޑައިގަންނަވާނެތޯ މަޖިލީހުގައި އައްސަވަން ބޭނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑު އޮޅުންފިލުވާލަން ބޭނުން އެކިއެކި ސިޔާސީ ޕާޓީތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން، އެ ބޭފުޅުންގެ ބޭންކް އެކައުންޓް ރައްޔިތުންނަށް ދައްކަވަން ތި ތިއްބެވީ ތައްޔާރަށްތޯ. އަޅުގަނޑު އޮޅުންފިލުވާލަން ބޭނުން މި ރާއްޖޭގައި ވޭތުވެދިޔަ ދިގު 30 އަހަރުގައި ޖަލުތަކުގައި ހިންގެވި ކަންތައްތަކާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެނގިވަޑައިގަންނަވަނީ ކިހާވަރަކަށްތޯ، ގާމާދޫ ޖަލުގައި ކުށްވެރިންގެ ގަޔަށް ބަޑިޖަހަން ވިދާޅުވިންތޯ،" ނަޝީދާ ދެކޮޅަށް މަޖިލީހަށް ހުށަހަޅާފައިވާ ދެ ގަރާރަށް އިޝާރާތްކުރައްވައި ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާފުށީ ޖަލުގައި އީވާން ނަސީމު ގަޔަށް ބަޑިޖަހައި މަރާލިކަން ނުވަތަ ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް މައުމޫން ސާފުކޮށްދެއްވާނެތޯ ވެސް އޮޅުންފިއްލަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ފައިސާ ލިބޭގޮތާއި ހަރަދުކުރިގޮތް ވެސް އޮޅުންފިއްލަވައިދެއްވާނެތޯ މަޖިލީހުގައި ސުވާލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ގިނަ ޕާޓީތައް ވާދަކޮށްގެން ސަރުކާރު ހިންގި އެމްޑީޕީން ކަންކުރިގޮތް ސާފުކޮށް މަޖިލީހަށް އޮޅުންފިލުވައިދެއްވާނެ ކަމަށާއި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް އަނިޔާކޮށް، ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު މިހިރީ ވަރަށް ތައްޔާރަށް، އެންމެ ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ބޭންކެއްގައި ހުޅުވި އެކައުންޓުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑުގެ ބޭންކް އެކައުންޓްގެ ހުރިހާ ތަފްސީލް މައުލޫމާތެއް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އަރުވަން. އަދި އަޅުގަނޑު މިހިރީ ބައިނަލްއަގުވާމީ ފަރާތްތަކުން އަޅުގަނޑުގެ އިތުރު ބޭންކް އެކައުންޓެއް ވޭތޯ އާއި އަދި އެހެން އެއްވެސް ތަނެއްގައި އަޅުގަނޑާ ބެހޭ މައުލޫމާތެއް އޮތްތޯ ބަލައި ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބާރު އަޅައިދިނުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.
ނާޖާއިޒު ފައިދާ ހޯދައި ހުދުމުހުތާރު ވެރިކަމާއި އަނިޔާވެރި ވެރިކަން ކޮށްފައިވާ ވެރިންނާ ގައުމު ހަވާލުކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކުރުމަކީ މަޖިލީސް މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ތެލުގެ ވިޔަފާރި ވެސް އަދި އެބޭފުޅުންގެ ރިސޯޓު ވިޔަފާރި ވެސް އަދި އެ ބޭފުޅުންގެ ހުރިހާ ބޮނަކުއާ ފުޅިއަކާއި ދެން ވެސް އެންހެން ހުރި ވީޑިއޯތަކާއި ފުލުސް އޮފީހުގައި ހުރި އެންމެ މައުލޫމާތު ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ ކަމަށް އުއްމީދުކުރަން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަތުމަށް ވަޑައިގަންނަވާއިރު ރަށްރަށުން މީހުން ވެސް މާލެ އައުމަށް ރޭގެ ޖަލްސާގައި ނަޝީދު އެދިވަޑައިގަތެވެ.
އެ ޖަލްސާގައި ނަޝީދު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
ނަޝީދު ރޭ ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ޖެހުނީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހް ވެސް ވިދާޅުވުމުން ކަމަށާއި ގާޒީއާ މެދު ފިޔަވަޅު އެޅުމަށް އޭނާ ސިފައިންނަށް އަމުރުކުރެއްވި ކިތަންމެ ސަބަބެއް އެބަހުރި ކަމަށެވެ. އަބްދުﷲ ގާޒީ އަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ "ފުންމިން" އެނގިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ފުލުހުންނާއި ސިފައިން އަދި އާއްމު ފަރާތްތަކުން މި ދެންނެވި ގާޒީއާ ގުޅޭގޮތުން އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތުގެ ފުންމިނަށްޓަކައި، މި ދެންނެވި މައުލޫމާތުގެ ތަފްސީލު އަޅުގަނޑު މިހިރީ ރައްޔިތުންގެ މަޖިލީހަށް އެރުވުމަށް ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ އެކަހެރިކުރީ ގައުމީ ސަލާމަތާއި ރައްޔިތުންނާއި ދައުލަތުގެ ސަލާމަތަށްޓަކައި ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މި ރާއްޖޭގައި "ބަޣާވާތު"ގެ ސަރުކާރެއް އުފެދި ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަން އުފެދި ގާނޫނީ ހަޔާތް ވެއްޔާއި މޮޑެވިގެން މިދަނީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ގާޒީގެ މައްސަލާގައި ފުލުހުންނާއި ސިފައިންނަށް ރަނގަޅު ހައްލެއް ނުހޯދުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ