އެމެރިކާގެ ނިއުކްލިއާ ހަތިިޔާރު ހުރި ތުރުކީގެ ބޭސް އަކުން ކަރަންޓް ކެނޑިއްޖެ

ތުރުކީގެ ދެކުނުގައި އޮންނަ އިންސާލިކް އެއާބޭސް އިން ކަރަންޓް ކެނޑިއްޖެ ކަމަށް ތުރުކީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުން ބުނެފިއެވެ. މިއެއާބޭސް އަކީ އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ވެސް ރައްކާ ކޮށްފައި ހުރި ނޭޓޯގެ އެއާބޭސް އެކެވެ.
އެއާބޭސް އިން ކަރަންޓް ކެނޑުމާއި އެކު އެތަނުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް އެއާބޭސް މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
ސީއެންއެން އިން ބުނާ ގޮތުގައި މިއެއާބޭސް އަކީ އެމެރިކާ އިން އައިއެސްގެ އަމާޒުތަކަށް ހަމަލާ ދިނުމުގައި ބޭނުން ކުރާ އޭއާބޭސް އެކެވެ. މިއެއާބޭސް ގައި މިހާރު ވެސް އެމެރިކާ ސިފައިންނާއި އެމެރިކާގެ ބޮންއަޅާ ބޯޓުތައް އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއާބޭސް އިން ކަރަންޓް ކެނޑުމަށް މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. ތުރުކީ ސިފައިންގެ ތެރެއިން މަދު ބަޔަކު ރޭ ގެންނަން އުޅުނު ބަޣާވާތާއި ގުޅިގެން ތުރުކީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ މިދަނޑިވަޅުގައި ނިއުކްލިއާ ހަތިޔާރު ހުރި އެއާބޭސް އަކަށް މައްސަލައެއް ދިމާވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއާބޭސްގެ ތެރޭގައި ތުރުކީގެ ސިފައިން ވެސް ހަރަކާތްތެރިވާއިރު ބަޣާވާތް ގެނައުމުގައި މީގެ ތެރެއިން ސިފައިންގެ ބަޔަކު ބައިވެރިވި ކަމެއް އަދި ނޫންކަމެއް ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ. ތުރުކީ ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ބަޣާވާތް ގެނައުމުގައި ގިނައިން ބައިވެރިވެފައި ވަނީ ވައިގެ ސިފައިން ކަމަށެވެ.
އެމެރިކާގެ ކޮންސިއުލޭޓުން ބުނެފައި ވަނީ އެއާ ބޭސް އިން ކަރަންޓް ކެނޑުނު ނަމަވެސް ހުރިހާ ކަމެއް އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ