ސީއެސްސީއަށް ޝަހީދު އައްޔަންކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ޝަހީދު މުހައްމަދު އެ ކޮމިޝަނަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.
ސިވިލް ސާވިސް ކޮމިޝަނަށް ޝަހީދު އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރުމުގެ ކުރިން ޝަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކޮމިޝަނުގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައެވެ.
ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ އަރީފެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް ޝަހީދަށް ރުހުން ދިނީ މިމަހުގެ 25 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އޭނާއަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިދިޔަ އޮގަސްޓު މަހުގެ 19 ވަަނަ ދުވަހު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލީ ވެސް ޝަހީދު އެކަންޏެވެ. ޝަހީދަކީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ ކޮއްކޮއެކެވެ.
ސީއެސްސީގެ މެމްބަރުކަމަށް ޝަހީދު އައްޔަންކުރުމާ ގުޅިގެން ސީއެސްސީގައި ތިބެންޖެހޭ ފަސް މެންބަރުން މިހާރު ވަނީ ހަމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ