ކޮރަޕްޝަންގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް ލާފައިވާ، މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދެދަރިކަލުން މިނިވަންކޮށް ދޫކޮށްލުމަށް މިސްރުގެ ކޯޓަކުން އަމުރު ކޮށްފިއެވެ.
މިނިވަންކޮށް ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވަނީ ހުސްނީ މުބާރަކްގެ ދެ ދަރިކަލުން ކަމުގައިވާ އަލާއުއާއި ޖަމާލްއެވެ.
އެދެބޭފުޅުން މިނިވަންކުރުމަށް ކުރި އަމުރުގައި ކޯޓުން ބުނެފައިވަނީ، ކުށް ސާބިތުވެ އެދެބޭފުޅުން ޖަލަށް ލެވުނީ ތިން އަހަރަށް ކަމަށާއި ނަމަވެސް މައްސަލައިގެ ތުހުމަތުގައި 2011 ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށްފައި ތިއްބެވުމުގެ ސަބަބުން ޖަލަށް ކުރި ހުކުމުގެ މުއްދަތު އޭގެތެރޭގައި ހިމެނިގެން ގޮސްފައިވާ ކަމަށެވެ.
އަލާއުއާއި ޖަމާލް މިނިވަން ކުރުމަށް ކޯޓުން އަމުރު ކުރިކަން އެދެބޭފުޅުންގެ ދިފާއީ ވަކީލު ފަރީދު އަލް ދީބްވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ކޮރަޕްޝަންގެ މިމައްސަލާގައި ހުސްނީ މުބާރަކާއި، އޭނާގެ ދެދަރިކަލުން ތިން އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވަނީ މިދިޔަ 2014 ވަނަ އަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހުއެވެ.
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވުމުގެ ކުށް މުބާރަކާއި ދެދަރިކަލުންގެ މައްޗަށް ސާބިތުވެ ޖަލަށް ހުކުމްކުރިއިރު، އެތިންބޭފުޅުން ޚިޔާނާތްތެރިވި 17.6 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށާއި، ތިން މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ހުކުމްގައި ވެއެވެ.
ނަމަވެސް، މުބާރަކްގެ ދެދަރިކަލުން ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރުގައި މިކަމާބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ހުސްނީ މުބާރަކްގެ ދެދަރިކަލުން މިނިވަން ކުރުމަށް ކޯޓުން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ