ކަރަންޓް ހަރަދުކުޑަކުރުމަށް ރައްޔިތުން ހޭލުންތެރިކުރަން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ

ރައްޔިތުންގެ މެދުގައި ކަރަންޓު ހަރަދު ކުޑަކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާާ އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "ލެޑް ސޭވްސް" ކަމަށާއި މި ތީމުގެ ދަށުން ފޮޓޯތަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަ ކެޓަގަރީ އަކަށް ބިނާކޮށް ކަމަށެވެ.
މި މުބާރާތަށް ފޮޓޯތައް ހުށަހެޅޭ ހަ ކެޓަގަރީއަކީ ކުރީގައި ބޭނުންކުރި ދިއްލުންތަކާއި ޒީނަތްތެރިކުރުމަށް ދިއްލާ ދިއްލުންތަކާއި އިމާރާތުގައި ގުދުރަތީ އަލި ބޭނުންކުރުމާއި އިމާރާތްތަކުގެ ދިއްލުންތަކާއި އިޖުތިމާއީ ސަރަހައްދުގެ ދިއްލުންތަކުގެ އިތުރުން ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް އައި ތަރައްގީ އެވެ.
މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ވާންވާނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.
މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ފޮޓޯ ނެގި ފަރާތުގެ ނަމާއި އެޑްރެހާއި ފޮޓޯ ނަގާފައިވާ ތަނާއި ތާރީހާއި ފޮޓޯ ވަނީ އެޑިޓްކޮށް އެެއްވެސް ބަދަލެއް ގެނެވިފައިކަން ނުވަތަ ނޫންކަން އަންގައިދިނުމުގެ އިތުރުން ފޮޓޯ ނަގާފައިވާ ކެމެރާ އާއި މޮޑެލް ނަންބަރު ހުށަހަޅަންޖެހޭނެ ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ މި މުބާރާތަށް ހުށަހަޅާ ފޮޓޯތަކަށް އިންސާފުކުރުމުގައި އުފެއްދުން ތެރިކަމާއި ފަންނުވެރިކަމާއި ތީމާ ގުޅުންހުރި މިންވަރަށް ބެލޭނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2015 އެޕްލިކޭޝަން ފޯމް" ފުރުމަށްފަހު ފޮޓޯގެ ސޮފްޓް ކޮޕީއާއެކު މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަމުން ގެންދިއުމަށް އެދޭ ކަމަށެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމުގައި ވަކި އަދަދެއް ކަނޑައަޅާފައިނުވާއިރު، މުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯތަކުގެ ތެރެއިން ވަނަވަަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ