ހަވީރު ނެރުމަށް ސަރުކާރުން މައްސަލައަށް ވަންނަން ނިންމައިފި

ހަވީރު ނޫސްް ނެރެވޭނެ ގޮތްތަަކެއް ބެލުމަށް އެމައްސަލައިގެ ތެރެއަށް ސަރުކާރުން މާދަމާ ވަންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ތަފާތު ގޮތް ގޮތަށް ތަފާތު ވިސްނުމުގައި މަސައްކަތް ކުރާ ނޫސްތައް ހިންގަމުންދާއިރު ހަވީރަކީ އެންމެ ގިނަ ބަޔަކު އެންމެ އިތުބާރު ކުރާ ނޫސް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ނެރެމުންދާ އެންމެ ދުވަސްވީ ނޫން ކަމަށްވާތީ ހަވީރު ނޫސް ހުއްޓިފައި އޮތުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ހަވީރު ނޫސް ނެރުން ހުއްޓުނީ ސަރުކާރުން އެމައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ކަމަށް ދެކެވޭ ވާހަކަތައް އުމަރު ދޮގުކުރެއްވި އެވެ. އުމަރު ވިދާޅުވީ ހަވީރު ނޫސް ނެރުން ހުއްޓިފައިވާތީ އެމައްސަލައަށް ރަނގަޅު ހައްލެއް ނެރުމަށް ސަރުކާރުގެ ތެރޭގައިވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމިނާ ބަންޑާރަނައިބް މުހައްމަދު އަނިލްއާ މަޝްވަރާކުރެވުނު ކަން އުމަރު ފާހަގަކުރެއްވި އެވެ.
"ސަރުކާރުން މިހާރު ވަނީ މިމައްސަލައިގެ ތެރެއަށް ވަނުމަށް ނިންމާފައި. މާދަމާ އަަޅުގަނޑުމެން މިމަސައްކަތް ފަށާނަން," މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ހަވީރު ނޫސް ނެރެން ޖެހޭ ކަމަށެވެ. ސަރުކާރުން މިމައްސަލައިގެ ތެރެއަށް ވަދެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނީ ހަވީރު ނޫހާ ގުޅޭގޮތުން ކޯޓްތަކުން ކޮށްފައިވާ ހުކުމްތަކާއި އަމުރުތަކަށް ވެސް ބަލައިގެން ކަމަށެވެ.
ސިވިލް ކޯޓުން ހަވީރަށް އަމާޒުވާ ގޮތަށް މިފަދަ އަމުރެއް ނެރުނީ އެ ނޫހުގެ މިލްކުވެރިކަމާއި މެދު ހުށައަޅާފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އަދި ވަގުތީ އަމުރު ނެރެފައިވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހަވީރު ނެރުން ހުއްޓާލުމަށް ވަގުތީ އަމުރު ނެރުނީ ދައުވާ ކުރާ ތިން މީހުންގެ 75 ޕަސެންޓް ހިއްސާ ހަވީރުގައި އޮތުމާއި މިހާރު ހަވީރު ހިންގާ ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން މައްސަލަ ހުށަހެޅި ދެ ފަރާތަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގާއި ރަޝީދަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ސިވިލް ކޯޓުގެ އަމުރުގައިވެ އެވެ.
ހަވީރު ނޫހާއި ހަވީރު އޮންލައިން ނެރުން ހުއްޓާލުމަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރުނުއިރު ހަވީރު ނޫސް އެޖެންސީއަކީ އެނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގެ އިބްރާހިމް ރަޝީދުގެ އިތުރުން ހ. ޓައިމްލެސް މުހައްމަދު ނައީމް ހިއްސާ ވެސްވާ ތަނެއް ކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓު މަހު ހައި ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ. ހައި ކޯޓުން ކުރި ހުކުމުގައި މިހާތަނަށް ހަވީރު ނިއުސް އެޖެންސީއަށް ލިބިފައިވާ ފައިދާގެ ތެރެއިން ރަޝީދު، ފާރޫގެ އިތުރުން ނައީމަށް ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއްބައި ދިނުމަށް ވަނީ އަންގާފަ އެވެ. ވީނިއުސްއަށް އެނގިފައިވާ ގޮތުގައި އެ މަރުހަލާ އަދި އޮތީ ކޯޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ