ހދ. ނޮޅިވަރަންފަރުގައި ބޭނުންކުރަމުންދިޔަ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ހަލާކުވުމާއި ގުޅިގެން މިހާރު ރަށަށް ކަރަންޓް ދެނީ 30 މިނިޓަށް ކަމަށް އެ ރަށު ކައުންސިލް އިދާރާއިން ބުނެފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރައީސް ހަސަން ތައުފީގު ވިދާޅުވީ އެރަށުގައި ބޭނުން ކުރަމުން ދިޔަ ދެ އިންޖީނުގެ ތެރެއިން އެެއް އިންޖީން މައްސަލަ ޖެހި ރަށުން ކަރަންޓް ކަނޑާލީ ރޭ 9:30 ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކަރަންޓުގެ ހިދުމަތް ދެނީ ރަށް ހަތަރު ބަޔަކަށް ބަހާލައިގެން ކޮންމެ 30 މިނެޓަކަށް ދެ ސަރަހައްދަކަށް ކަރަންޓް ދިނުމަށްފަހު އެވަގުތު ހަމަވުމުން އެ ސަރަހައްދުން ކަރަންޓް ކަނޑާލުމަށްފަހު އަނެއް ދެ ސަރަހައްދަށް 30 މިނެޓުން ކަރަންޓް ދޭ އުސޫލުން ކަމަށެވެ.
"އެގޮތަށް ކަރަންޓް ދިނުމަށްފަހު އެ ސަރަހައްދުން ކަރަންޓް ކަނޑާފައި އަނެއްކާ އަނެއް ސަރަހައްދަށް މިދެނީ. މިވަގުތު އެންމެ އިންޖީނެއް ބޭނުންކުރަންޖެހޭތީ މިގޮތަށް މި ހިދުމަތް ދެމުންދަނީ. އާންމުންގެ ޝަކުވާވެސް ކައުންސިލަށް ލިބޭ އެ މައްސަލައިގައި. އެހެންނަމަވެސް މިކަހަލަ ކަމެއް ހަމަވެދާނެ،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ އެ ރަށު އިންޖީނުގެއަކީ ފެނަކައިން ބަލަހައްޓާ ތަނަކަށްވާތީ ދިމާވި މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް މިހާރު އެރަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އިންޖީނުގެ ގޭގައި ހުރި ދެ އިންޖީނުގެ އިތުރުން ސަރުކާރުން ވަރަށް ފަހުން ހަދިޔާކޮށްފައިވާ އިންޖީނެއް ރަށުގައި ހުރުމުން މިއަދު ތިން އިންޖީން އެއްކޮށް ބޭނުން ކުރެވޭ ގޮތް ހެދޭނެ ކަމަށް ފެންނާތީ މާދަމާ 24 ގަޑިއިރު ރަށަށް ކަރަންޓް ދޫކުރެވޭ ވަރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ނޮޅިވަރަންފަރު އިންޖީނުގޭގައި ހުރީ 200 އާއި 125 ކިލޯ ވޮޓްގެ ދެ އިންޖީނެވެ. ސަރުކާރުން އެރަށަށް ހަދިޔާކޮށްފައިވަނީ 200 ކިލޯ ވޮޓްގެ އިންޖީނެކެވެ.
ނޮޅިވަރަންފަރުގެ އާބާދީއަކީ 1900 އެއްހާ މީހުންނެވެ. ނަމަވެސް ރަށު ކައުންސިލުން ބުނީ މިދުވަސްވަރަކީ ސުކޫލު ބަންދު ދުވަސްވަރަކަށްވާތީއާއި ރަށުގައި ބައެއް ޕްރޮޖެކްޓްތައް ހިނގަމުންދާތީ މިވަގުތު އެރަށުގައި 2300 އެއްހާ މީހުން ދިރިއުޅޭ ކަމަށެވެ.
ނޮޅިވަރަންފަރަށް 30 މިނެޓަށް ކަރަންޓް ދޭން ފަށައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ