ފުރަބަންދުގައި ކަރަންޓް ކަނޑައެއް ނުލާނަން - ސްޓެލްކޯ

ކޮވިޑް-19 ގެ ސަބަބުން އިއްވާފައިވާ ފުރަބަންދު (ލޮކްޑައުން) ގައި މާލީ ސަބަބުތަކާއި ގުޅިގެން ކަރަންޓް ބިލް ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
"މިއަދު" ނޫހުގައި ޝާއިރު ކޮށްފައިވާ ޚަބަރަކާއި ގުޅިގެން އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި އެކުންފުނިން ނިންމާފައިވަނީ ފުރަބަންދު ކޮށްފައިވާ، އެކުންފުނިން ހިދުމަތް ދެމުން އަންނަ ރަށްރަށުގައި އެމުއްދަތުގެ ތެރޭގައި މާލީ ސަބަބުތަކާއި ހުރެ ބިލް ނުދެއްކިއްޖެ ހާލަތެއްގައިވެސް ކަރަންޓުގެ ހިދުމަށް މެދުކަނޑާނުލުމަށެވެ.
އެގޮތަށް އެ ކުންފުނިން ނިންމާފައިވަނީ ކަރަންޓަކީ ޒަރޫރީ ޚިދުމަތަކަށްވެފައި، މިފަދަ ދަނޑިވަޅެއްގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކާއި އުނދަގޫތަކަށް ބެލުމަށް ފަހު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ، މި ހާލަތުގައި ބިލްތައް އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވަމުންދާއިރު، ކަމާއިބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާއި އެއްގޮތަށް ގޭގައި ތިއްބަވައިގެން ބިލް ދެއްކުމަށްޓަކައި އެކުންފުނީގެ މޯވައިލް އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
ބިލްތައް ނުދައްކައި ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް އައުޓްސްޓޭންޑިންގް ނުވަތަ ނުދެއްކި އޮތް އަދަދު އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާފައިވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މިގޮތަށް ފޮނުވާފައިވަނީ ހިދުމަތް ހޯދަމުން އަންނަ ގިނަ ފަރާތްތަކުން އެ ފަރާތްތަކަށް ނުދެއްކި ހުރި ބިލްތަކުގެ ތަފްސީލް ހޯދުމަށް އެދެމުން ދާތީ ކަމަށް އެކުންފުނިން ބުންޏެވެ.
އެކުންފުނިން ވަނީ "މިއަދު" ނޫހުގައި ޝާއިރުކޮށްފައިވާ "ކަރަންޓު ކަނޑަލާނެ ކަމުގެ އިންޒާރު ސްޓެލްކޯއިން ދިނުމުން މީހުން ހަދިޔާކޮށްފައިހުރި ކާއެތިކޮޅުވިއްކައި ބިލް ދައްކަން ފަށައިފި" ކަމަށް ބުނެ ގެނެސްދީފައިވާ ޚަބަރާއި ގުޅިގެން ރައްޔިތުންނަށް އޮޅޭގޮތަށް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ފިތުނަފަސާދާ އުފެދިގެން ހިނގައިދާނެ ގޮތަށް ހަބަރު ނުފެތުރުވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ