އެންއައިސީއަށް ގާސިމް އައްޔަނުކުރަން ކޮމިޓީން ފާސްކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާ އަރުވާލި ގާސިމް އަބްދުލް ކަރީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ވާގޮތުން އެންއައިސީ އަށް ކުރިމަތިލި ގާސިމްއާ އިންޓަވިއު ކުރުމަށް ފަހު، އޭނާ އެންއައިސީ އަށް އައްޔަން ކުރަން ރުހުން ދިނުމަށް ފެންނަ ކަމަށް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެފައިވެއެވެ. އެހެންވެ، މަޖިލިހުގެ ތަޅުމުގައި ރިޕޯޓާ މެދުގައި ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ އެދިފަ އެވެ.
އެންއައިސީ އިން މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ކޮމިޝަނުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ. އަދި އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގެންނެވީ ގާސިމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ އެސްއޯއެފްގެ ބީއެމްއެލް އެކައުންޓުގެ މައުލޫމާތުތައް އާންމު ކޮށްފަ އެވެ.
ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކުކޮށްލި މައްސަލައިގައި ގާސިމަށް ވަނީ 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއްވެސް އައިސްފަ އެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ 2017 ގައެވެ.
ޅ. ނައިފަރަށް އުފަން ގާސިމް މިހާރު ހުންނެވީ މޯލްޑިވިސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ޗެއާމަންކަމުގެ މަގާމުގަ އެވެ.
މި މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުފަން ނައިފަރު ދާއިރާއަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އެވެ. އެހެންނަމަވެސް ޕްރައިމަރީން ނާކާމިޔާބުވުމުން އޭނާއަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައެއް ނުގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ