ދުނިޔޭގައި މިއަދު ހުރިނަމަ މިއީ ޝަހީދު ހުސެއިން އާދަމް!

އެއީ ބަތަލެކެވެ. ޝަހީދެކެވެ. އެންމެން ދަންނަ މޫނެކެވެ. ދިވެހި ގައުމުގެ ހީރޯއެކެވެ. އަންނަން އޮތް ޖީލުތަކަށް ވެސް އެ މޫނު ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގޭނެ އެވެ. އެ ހަނދާންތަކެއް ނުނެތޭނެ އެވެ. އެއީ މީގެ 32 އަހަރު ކުރިން ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަހު ޝަހީދުވެގެން ދިޔަ އެއް ބަތަލު، ހުސެއިން އާދަމް އެވެ.
ހދ. ކުޅުދުއްފުއްޓަށް އުފަން އެރަށު އަމީރު އަމީން ސްކޫލުގެ ކެޑޭޓަކަށް އުޅުމަށްފަހު ހުސެއިން އާދަމް ސިފައިންގެއަށް ވަދެވަޑައިގަތީ ވަރަށް ޅައުމުރުގަ އެވެ. ސާބިތުކަމާއި އިހުލާސްތެރިކަމާއެކު ވަޒީފާ އަދާކުރި ޕްރައިވެޓް ހުސެއިން އާދަމަކީ އޭނާގެ ރައްޓެހިން ބުނާގޮތުން ސަކަ މިޒާޖެއްގެ މީހެކެވެ. ކުރު ޒުވާނެކެވެ. އެކަމާ އޭނާއަށް އޭރު ދިމާވެސް ކުރި އެވެ. ނަމަވެސް އޭރުވެސް ހުސެއިން އާދަމް ކެރިގެން ބުނަމުންދިޔަ ވާހަކައެއް އޮތެވެ. އޭނާ ކިތަންމެ ކުރުކޮށް ހުއްޓަސް ކަމެއް ޖެހޭ ދުވަހު އޭނާގެ ކެރޭކަން ދައްކާލާނެ ވާހަކައެވެ.
ތެދެކެވެ. ނޮވެމްބަރު 3، 1988 ވަނަ ދުވަހު ސިފައިންގޭ ގޭޓުގެ ހުޅަނގު ފަރާތު ފޯރިއަށް ހުރި ހުސެއިން އާދަމް އެ ބުނި ވާހަކަ ގައުމަށް ކަމެއް ޖެހުނު ދުވަހު އޭނާ ވަނީ ސާބިތުކޮށްދީފައެވެ. އެރޭ ފަތިހު ތަމަޅައިންގެ ޓެރަރިސްޓުން މާލެ އަރައި ހަމަލާ ދޭން ފެށުމާ އެކު ރައްދުގައި އެންމެ ފުރަތަމަ ހަމަލާދިނީ އޭނާ އެވެ. އަމިއްލަ ނަފްސު ސަލާމަތްކޮށް ސިފައިންގޭގެ ތެރެއަށް ވަންނަން ފުރުސަތު ލިބުނު ނަމަވެސް އޭނާ އެދުވަހު ބޭނުންވީ ގައުމާއި ދީނުގެ ދިފާއުގައި ގޭޓުގެ ފާރައަށް ދެމި ހުންނާށެވެ. އެކަމަށް އޭނާ އިސްނެގީ އަމިއްލައަށެވެ. އެ ހިތްވަރާއެކު އަތުގައި އޭރު އޮތް 60 ވަޒަން ހިތްވަރާއެކު އޭނާ ބޭނުންކުރި އެވެ. އިތުރަށް ވަަޒަން ބޭނުމޭ ވެސް ގޮވި އެވެ. ނަމަވެސް ކުޑައިރު ކޮޅެއް ފަހުން ދެން އިވުނީ "އަހަރެން މަރުވަނީ" އޭ ބުނި އަޑެވެ. އޭރު އޭނާގެ ގަޔަށް ގިނަ އަދަދެއްގެ ވަޒަން ތަކެއް އަރައި ޝަހީދު ވެގެން ވެއްޓިއްޖެ އެވެ. އެއީ ޝަހީދު ހުސެއިން އާދަމްގެ ވާހަކަ އެވެ. ހަށިގަނޑުގައި ހުރި އެންމެ ފަހު ލޭފޮދު ވެސް ގުރުބާންކުރީ ދިވެހި ފަސްގަނޑުގެ ހައްގުގަ އެވެ.
މި ކިޔައިދެވުނީ އެދުވަހު އޭނާ ދެއްކި ހިތްވަރުގެ ވާހަކަ ކުރުކޮށެވެ. މިއަދު ހުސެއިން އާދަމް މި ދުނިޔޭގައި ނެތުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ހިތާމައެކެވެ. މި ގައުމަށް ވެސް އޮތް އުނިކަމެކެވެ. ނަމަވެސް އޭނާ ދުނިޔޭގައި ލެހެއްޓެވިނަމަ ދިވެހި ފަހުރުވެރި ޔުނީފޯމްގައި އޭނާ ހުންނާނެ ގޮތް ރާއްޖޭގެ މަޝްހޫރު ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ)ގެ ހުނަރުވެރިކަމުން މިވަނީ ދައްކާލައިފަ އެވެ.
މިއަދު ދުނިޔޭގައި ހުރިނަމަ އޭނާއަށް ވާނީ 52 އަހަރެވެ. މޭމަތީގައި ޝަރަފުގެ ތިން މެޑަލް ހުންނާނެ އެވެ. އެއީ މެޑަލް ފޮ އެކްސެޕްޝަނަލް ބްރޭވަރީ އާއި ޖިހާދުގެ ރަތް މެޑަލް އަދި 3 ނޮވެމްބަރުގެ މެޑަލް އެވެ. އޭގެ އިތުރުން ސްޕެޝަލް ޓާސްކު ފޯސް ތަމްރީން ހާސިލުކޮށްފައިވާތި، އެކަމުގެ ބެޖު ވެސް އޭނާގެ ޔުނީފޯމުގައި ހުންނާނެ އެވެ.
ނަމަވެސް އޭނާގެ މަތިވެރި ޖިހާދަކީ މެޑަލްތަކަކުން އިނާމުތަކަކުން އަދި ޝުކުރުތަކަކުން އަދާކުރެވޭނެ އަގެއް ނޫނެވެ. އެއީ މި ޖީލުގެ ނަމޫނާ ބަތަލެކެވެ. ހުސެއިން އާދަމްގެ ހަށިކޮޅުގެ ރަމްޒެއް މިއަދު ވެސް ދިވެހިންނަށް ފެންނަ އެބަ ހުއްޓެވެ. ޝަހީދު ހުސެއިން އާދަމް ބިލްޑިންއަކީ އޭނާގެ ރަމްޒެކެވެ. އެއީ ހުސެއިން އާދަމް ކުރި ޖިހާދުގެ ހަނދާނެކެވެ. އޭނާގެ ހަށިގަނޑުން ދިވެހި ބިމަށް އޮހޮރިގެން ދިޔަ ލޭގެ އަސަރު މުޅި އުމުރަށް ހުންނާނެކަން ކަށަވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ