ޖިހާދު ފުރުން މަނާކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށްފައި އޮތް އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައިގައި ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.
ޖިހާދުގެ ފަރާތުން ހުށަހެޅި ނުކުތާތައް:
މި މައްސަލަ އިސްތިއުނާފުކޮށް ޖިހާދުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
ދެވަނަ ނުކުތާއެއްގެ ގޮތުން ޖިހާދުގެ ވަކީލުން ބުނެފައިވަނީ، އޭނާގެ މައްޗަށް ހުށައަޅާފައިވާ ދައުވާ އަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ބޮޑު ކުށަކަށް ނުވާއިރު، އިސްތިއުނާފު ކޮށްފައިވާ އަމުރުގައި އެއީ ބޮޑު ކުށެއް ކަމުގައި އޮތް އޮތުންވެސް އެއީ ހުށަހެޅިފައިވާ ދައުވާއާ ޚިލާފަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.
ތިންވަނަ ކަމެއްގެ ގޮތުން ޖިހާދުގެ ފަރާތުން ވަނީ، ކްރިމިނަލް ކޯޓުގެ މި އަމުރަކީ ޤާނޫނޫ އަސާސީގެ 41 ވަނަ މާއްދާއިން ލިބިދޭ ދަތުރުފަތުރު ކުރުމުގެ އަސާސީ ޙައްޤަށް އުނިކަން އަންނަ ފަދަ އަމުރެއްކަން ބަޔާންކުރައްވާފައެވެ. އަދި ފުރުމަށް ހަމަޖެހިފައިވާ ތާރީޚާއި، ދެކޮޅު ޓިކެޓުވެސް ޖިހާދުގެ ފަރާތުން ހުށައަޅާފައިވާކަން އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.
ފަހު ނުކުތާއެއްގެ ގޮތުން ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ މި އަމުރު ނެރުމުގައި ޙަވާލާދީފައިވާ ހައި ކޯޓުގެ ގަޟިއްޔާ ތަތްބީޤު ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެވެ.
(އިތުރު ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ