ގެއްލުމުގެ ބަދަލުގެ ގޮތުގައި އަދުރޭ އަތުން 1 މިލިއަން ރުފިޔާ ހޯދަން ރާއްޖެ ޓީވީން ހުށަހަޅައިފި

މާޗު މަހުގެ ތެރޭގައި ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީ އާއި އެ ތަނުގެ ނޫސްވެރިންނާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވި ވާހަކަތަކުގެ ސަބަބުން އެ ޗެނަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަން ރުފިޔާގެ ބަދަލު ނަގައި ދިނުމަށް އެދި ކޯޓަށް ހުށަހަޅައިފި އެވެ.
ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެ ޓީވީގެ ޤާނޫނީ ވަކީލު މުހައްމަދު ނިޝާން ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ބުދަ ދުވަހު ކަމަށެވެ.
އަދުރޭގެ ދެއްކެވި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ނަމަވެސް، އެ ވާހަކަތަކުގެ ސަބަބުން ރާއްޖެޓީވީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ނިޝަން ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އާމިރު ސަލީމާއި މުހައްމަދު ވިސާމާއި ގުޅޭ ގޮތުން ވެސް އަދުރޭ ދެއްކެވި ވާހަކަތަކަކީ، އެ ދެ ނޫސްވެރިންގެ އަބުރަށް އަރައިގަތުން ކަމަށާއި، އެކަމުގެ ބަދަލު ވެސް ހޯދަން އެދިފައިވާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް ރާއްޖެ ޓީވީ އިން ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ މީގެ ކުރިން ރާއްޖެ ޓީވީ ވަނީ އެތައް ފަހަރެއްގެ މަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައި ވަނީ ދެ މިލިއަން ރުފިޔާއިންނެވެ. އެ ޓީވީ އިން ވަނީ އެ ޖޫރިމަނާ ފުރިހަމައަށް ދައްކާ ޚަލާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ