މޫސުން ގޯސްވެ ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން ޔެލޯ އެލާޓް ނެރެފައިވަނީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. އަދި އައްޑޫ އާއި އެ އަތޮޅުގެ ވަށައިގެންވާ ސަރަޙައްދަށް ވެސް ވަނީ އެލާޓް ނެރެފައެވެ.
އެ އިދާރާއިން މި ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ އިރު އޮއްސި 18:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ. މި ވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށާއި، ވައި ބާރުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.
އެ އިދާރާއިން ވިދާޅުވީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށައި، އަދި އައްޑޫ އަތޮޅު ހިމެނޭ ސަރަޙައްދަށް ގަޑިއަކު 27 މޭލާ 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މި ސަބަބަށްޓަކައި ޚާއްސަގޮތެއްގައި ރޭގަނޑުގެ ވަގުތުތަކުގައި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަސް ސަމާލުވުމަށް، މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އިއްޔެ އާއި މިއަދުވެސް ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވެއެވެ.
 
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ