ކާޑާއި ކަރަންޓުގެ އަގު ހެޔޮކުރަން ބަޖެޓުގައި ހިމަނައިފި

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓާއި ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރަން ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރުމަށް 230 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އެހެންކަމުން، މަޖިލީހަށް މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓުގެ ތެރޭގައި ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރުމަށް 502 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ހިނގަމުން މިދާ އަހަރުގެ 27 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓު އަގު ހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 200 މިލިއަން ރުފިޔާ އަދި ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ސަބްސިޑީގެ ގޮތުގައި 50 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގު އެންމެ ފަހުން ހެޔޮ ކުރީ އޭޕްރީލް 4، 2018 ގަ އެވެ. އެގޮތުން، މިހާރު މާލެ އިން ހަކުރު ކިލޯއެއް ވިއްކަނީ 4ރ. އަށެވެ. ހަނޑޫ ކިލޯއެއް 3.98ރ. އަށް ވިއްކާ އިރު ފުށް ކިލޯއެއް ވިއްކަނީ 2.98ރ. އަށެވެ.
ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، އެކި ރަށްރަށަށް ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެން ކިލޯއަކަށް ގިނަވެގެން އިތުރު ކުރެވޭނެ ވަރު ވެސް ވަނީ ސަރުކާރުން ކަނޑައަޅައިފަ އެވެ.
ރައީސް ޔާމީންގެ ދައުރުގެ މެދު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހެން، ކަރަންޓުގެ އަގު ބޮޑުވި އެވެ. އެކަމަކު، ފަހުން ވަނީ ހުރިހާ ހިސާބެއްގައި ކަރަންޓުގެ އަގު ހެޔޮކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ