ފާރިސް މައުމޫން ދަޢުވާއަށް އޭނާ އިންކާރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއަށް އޭނާ އިންކާރުކޮށްފިއެވެ. 
ދައުލަތުން ފާރިސްގެ މައްޗަށް އުފުލާފައިވަނީ ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދަޢުވާއެވެ. ދައުލަތުން އޭނާގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދަޢުވާ އުފުލާފައިވަނީ، ޕްރޮގްރެސިވް ޕާޓީގެ މެމްބަރުކަމުން އޭނާ ވަކިކޮށްފައިވަނިކޮށް، 22 މާރޗް 2017ގައި އެޕާޓީގެ ދިދައާއި ލޯގޯ އެޕާޓީގެ ހުއްދަ ނެތި ބޭނުންކޮށްގެން ޝަޚްސު އޮޅުވާލިކަމުގެ ތުހުމަތުގައެވެ. 
މިއަދު އޮތް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ފާރިސް ވަނީ މި ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ފާރިސްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ވަނީ މިމައްސަލައިގެ ދިފާޢަށް ތައްޔާރުވުމަށް ޖިނާއީ އިޖްރާއަތުގެ ޤާނުނުގެދަށުން ފާރިސްއަށް ލިބެންޖެހޭ ލިޔެކިއުންތައް ލިބިފައިނުވާކަމުގެ ޝަކުވާ ކޮށްފައެވެ. 
އެހެން ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ހެކިންނަކީ ސިއްރު ހެކިވެރިންކަމަށާއި، އެނެއްބައި ހެކިން ކޯޓަށް ޙާޟިރު ކުރުމަށް ދައުލަތުން ގަސްތުނުކުރާކަމަށެވެ. އެހެންކަމުން ހެކިވެރިންގެ މަޢުލޫމާތު ދިފާއީ ވަކީލުންނާ ޙިއްޞާކުރަން ނުޖެހޭނެކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. 
ފާރިސްގެ މައްޗަށް މިދައުވާ ސާބިތުވެއްޖެނަމަ 9 މަހާއި 18 ދުވަހުގެ ޖަލުޙުކުމެއް އަންނާނެއެވެ. މިމައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު، މިމައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލްކުރުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ