ޅ. ކުރެންދުއަށް ކަރަންޓު ދޭ މައި ޖަނަރޭޓަރު ހަލާކުވެފައިވާތާ އަށް މަސް ދުވަސް ވީއިރު ނުހެދި އުޅެނިކޮށް، މިހާރު ބޭނުން ކުރަމުންދާ ދެ ޖަނަރޭޓަރު ވެސް ހަލާކުވެ މުޅި ރަށުން ކަރަންޓު ކެޑިއްޖެ އެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް މިއަދު ވިދާޅުވީ ރަށަށް ކަރަންޓު ދޭން ބޭނުން ކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯ ވޯޓްގެ ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ އަށް މަސް ދުވަސް ވީއިރު ވެސް ނުހެދި އުޅެނިކޮށް، ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރާ 150 ކިލޯގެ ވޯޓްގެ ޖަނަރޭޓަރަކާއި 100 ކިލޯވޯޓްގެ ޖަނަރޭޓަރު ވެސް ހަލާކުވެ މުޅި ރަށުން މިއަދު ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ޖަނަރޭޓަރުގައި ކުރިން ވެސް މައްސަލަތަކެއް ކުރިމަތިވެ، ކަރަންޓް ކެނޑެމުންދިޔަ ކަމަށެވެ. ނަމަވެސް މިހާރު ޖަނަރޭޓަރަށް ދިމާވާ މައްސަލަތަކުން މަރާމާތު ނުކުރެވޭ ވަރަށް ޖަނަރޭޓަރުގެ "ހާލު" ގޯސްވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
"ބޮޑު ޖަނަރޭޓަރު ހަލާކު ވީ މީގެ އަށް މަސް ކުރިން. ކުޑަ ދެ ޖަނަރޭޓަރުގެ ވެސް ރޭޑިއޭޓަރު ހަލާކުވުމުން ދެން ކޫލިން ސިސްޓަމް ބަދަލުކޮށްލީ ތާންގީ އަކަށް ވަގުތީ ގޮތުން. އެގޮތައް ހިންގަމުން އާއިރު ވެސް ގިނަ ފަހަރަށް އޮންނަނީ މުޅި ރަށުން ކަރަންޓު ކެނޑިފައި. ހަލާކުވެފައި ހުރި ޖަނަރޭޓަރު ތަކެއް ހިންގަން ޖެހުމުން އެ ސަރަހައްދުގެ ބައެއް ގޭގެއަށް ވަނީ ދުމުގެ އަސަރު ކޮށްފަ. އެހެން ކަމުން އެގޭގެ ވެރިން ވަނީ އެތައް ފަހަރަކު ކައުންސިލަށް މައްސަލަ ހުށަހަޅާފައި" އަހުމަދު ވިދާޅުވި އެވެ.
ކުރެންދޫގެ 350 ގޭބީސީއަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކުން ދޭތެރެއިން ކަރަންޓު ކެނޑެމުން އެ ރަށުގެ ގެތަކުގައި ބޭނުން ކުރާ އިލެކްޓްރޯނިކްސް ސާމާނުތަކަށް ވަނީ ގެއްލުންތަކެއްވެފަ އެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.
ޖަނަރޭޓަރުތައް ހަލާކުވެ، ކުރެންދޫއިން އަނެއްކާ ވެސް ކަރަންޓް ކެނޑެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ