މާމިގިލީ ދާއިރާއަށް ގާސިމް އިންތިޚާބުކޮށްދިނުމަށް ޝައިޚު އިބްރާހީމް ގޮވައިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާއަށް، މިހާރުވެސް އެދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިންތިޚާބުކޮށްދެއްވުމަށް، އައްޝައިޚު އިބްރާހީމް މުހައްމަދު ގޮވައިލައްވައިފި އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވައި ޝައިޚު އިބްރާހީމް މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ގައުމަށް އިހުލާސްތެރި ރައްޔިތަކު ނަމަ، ގާސިމް މަޖިލީހުގެ ރައީސްގެ ގޮތުގައި ބެހެއްޓުމަށް ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވޯޓް ދިނުމަށް އެދިފައެވެ.
އިބްރާހީމްގެ ބަޔާނުގައި ވިދާޅުވީ މާމިގިލި ދާއިރާގެ ރައްޔިތުންނަށް އަމިއްލަ ޖާނާއި މާލުން މިއަދާ ހަމައަށްވެސް އަގުމަގު ނުކުރެވޭފަދަ ބޮޑު ހިދުމަތެއް ކޮށްދެއްވި ބޭފުޅަކީ ގާސިމް ކަމަށެވެ. އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ދިވެހިންގެ ކެރޭ ހީވާގި ލީޑަރަކީ ގާސިމް އިބްރާހީމް ކަމަށްވުމުން އެމަނިކުފާނު އިންތިޚާބުކުރަން އެދޭ ކަމަށެވެ.
އެހެން ކަމުން އެކަން ލޮލުން ބޮލުން ޝުކުރުވެރިކަމާއެކު ބަލައިގަތުމުގެ ގޮތުން އެހިދުމަތްތަކަށް ހެޔޮ ބަދަލެއްގެ ގޮތުގައި ހަމައެކަނި އެކަށީގެން ވާނީ، ސައްްތައިން ސައްތަ ވޯޓް ދިނުން ކަމަށް އިބްރާހީމްގެ ބަޔާނުގައި ވެއެވެ.
''އަދި ގައުމިއްޔަތާއި ހިލާފު ތުހުމަތުތަކެއް އޮތްކަމަށް ދޭހަވާ ވާދަވެރި ކެންޑިޑޭޓަކު ހުރިނަމަ އެފަރާތްތަކަށް އަޅުގަނޑު ގޮވާލާނީ ޒާތީ ތައައްްސުބުން އެއްކިބާވެ، ތިމާމެންގެ ތާއީދުވެސް ގާސިމް އިބްރާހީމަށް ދެއްވައި ގައުމަށް އަދި ގައުމީ ސަލާމަތަށް ނުރައްކާ ކުރިމަތިވަމުން އަންނަ ކަމުގެ ތުހުމަތު އޮތް މިވަގުތުގައި ގާސިމަށް އެއްބާރުލުން ދެއްވުމެވެ.'' އިބްރާހީމްގެ ބަޔާނުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ