ފެލިދޫ ދާއިރާގެ ގޮނޑި ފަޒުލް ކާމިޔާބު ކުރައްވައިފި

51،މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފެލިދޫ ދާއިރާގެ ގޮނޑި، އެ ދާއިރާއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ފަޒުލް ރަޝީދު ކާމިޔާބުކުރައްވައިފި އެވެ.
އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީީޕީގެ ކެންޑިޑޭޓް މުހައްމަދު މަބްރޫކް އަޒީޒްއާ ވަރަށް ގާތުންނެވެ. އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު މި ދެ ބޭފުޅުންގެ ދެމެދުގައި ވަނީ 50 ވޯޓުގެ ތަފާތެވެ.
އެގޮތުން ފަޒުލްއަށް 472 ވޯޓު ލިބިވަޑައިގެންނެވި އިރު، މަބްރޫކަށް ލިބިވަޑައިގެންނެވީ 422 ވޯޯޓެވެ.
އެ ދާއިރާއަށް އެމްޓީޑީގެ ޓިކެޓްގައި ވާދަކުރެއްވި އަބްދުﷲ އާރިފަށް ލިބިވަޑައިގެންނެވީ އެންމެ ތިން ވޯޓެވެ. މިއީ މި އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އާއްމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު ޕީއެންސީއަށް ކާމިޔާބުވެފައިވަނީ ތިން ދާއިރާ އެކެވެ. އެއީ ފެލިދޫ ދާއިރާގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާދަކުރެއްވި މަޑުއްވަރީ ދާއިރާ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ކާމިޔާބު ކުރެއްވި މާވަށު ދާއިރާ އެވެ. އެކަމަކު ފަސް ވޯޓުން ސައީދު ކުރި ހޯއްދެވި އެ ދާއިރާގެ ވޯޓު އަލުން ގުނަން ވަނީ ނިންމާފަ އެވެ.
މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ