ކޮމިޓީ ހުއްޓުވައިފި ނަމަ ވަރަށް ގިނަ ކަންކަން ހުއްޓުވަން ޖެހޭނެ: އަލީ ވަހީދު

ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވައިފި ނަމަ ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ ގިނަ ކަންތައްތަކެއް ހުއްޓާލަން ޖެހޭނެ ކަމަށް އެކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މިއަދު ކުރެއްވި މެސެޖެއްގައި އަލީ ވަހީދު ވިދާޅުވީ ކިތަންމެ ވަރަކަށް މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ކޮމިޓީގެ މަސައްކަތްތައް ހުއްޓުވާ ނުލެވޭނެ ކަމަށާއި މިހާރު ވެސް ބިތު ފަނގި ނެގިފައިވާ ކަމަށެވެ. އަދި ކުރިން ހާމަ ނުވާ އެތައް ކަމެއް ރައްޔިތުންނާ ހަމައަށް ހާމަކޮށްދެއްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ސަރުކާރާއި މަޖިލީހުގެ ބައެއް މަގާމުތަކަށް ވެރިވެ ތިބި ބަޔަކު ކޮމިޓީގެ މަސައްކަތް ހުއްޓުވަން ރާވާ ކޮންމެ ރާޅެއް ގިރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
"ކޮމިޓީގެ މަސައްކަތް ގަވާއިދާ ހިލާފުކަން ނިންމަން ޖެހޭނީ މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފު އެފަދަ ނިންމެވުމެއް ނިންމަވައިފި ނަމަ މަޖިލީހުގެ ގިނަ ކަންތައްތަކެއް ހުއްޓުވަން ޖެހޭނެ" އަލީ ވަހީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައިވާ އިރު އެޓަނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރުވަނީ ކޮމިޓީން މަސައްކަތް ކުރަމުން ގެންދަނީ މަޖިލީހުގެ ގަވާއިދުން ބޭރުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ސިޓީއެއް ފޮނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ