އަބްދުﷲ ގާޒީ އަށް ދިފާއުވުމުގެ ހުރިހާ ފުރުސަތެއް ލިބޭނެ: ޕްރެސް ސެކްރެޓަރީ

ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބޭރުން ސިފައިން ހައްޔަރުކޮށްގެން ގިރިފުށީގައި ގެންގުޅޭ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދަށް، ޝަރުއީ ކޯޓުގައި ދިފާއުވުމުގެ ހުރިހާ ފުރުސަތެއް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ރޭ ވިދާޅުވެއްޖެ އެވެ. "އަޅުގަނޑު މި ދަންނަވަނީ އޭނާ ދިފާއުވުމަށް ހުރިހާ ފުރުސަތެއް ވެސް ލިބޭނެއޭ. ދިފާއުވުމަށް ހުރިހާ ފުރުސަތެއް ލިބުމުގެ އިތުރަށް އޭނާގެ މައްޗަށް ކުރެވޭ، ދައުލަތުގެ މުދަލާއި ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ މައްޗަށް ގާނޫނުގެ ފުރިހަމަ ބާރާއި ގާނޫނުގެ ދިގު އަތް އޭނާގެ މައްޗަށް ވެސް ފޯރާނެއޭ. އެމަނިކުފާނު [ކޯޓަށް] ހާޒިރުކުރަން ނިންމަވާއިރު ގައުމީ ސަލާމަތަށާއި ރައްޔިތުންގެ މުދަލަށާއި ކަންތައްތަކަށް ގެއްލުން ނުވާނެ ގޮތުގެ ބީދައިން އެކަންކަން ސަރުކާރުން ކުރައްވާނެއޭ. އޭނާއާ މެދު ކުރެވޭ ތުހުމަތުތަކުން ބަރީއަވުމުގެ ފުރިހަމަ ފުރުސަތު ލިބިގެންދާނެއޭ،" ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ މިނިވަންކުރުމަށް އދ. އިން ގޮވާލި ގޮވާލުމަށް ސަރުކާރުން އިހުތިރާމް ކުރާނެ އެވެ. އެހެން ނަމަވެސް ޒުހައިރު ވިދާޅުވީ، އަބްދުﷲ ގާޒީ އަކީ "ގައުމީ ސަލާމަތަށް ނުރައްކާތެރިކަން ހުރި" އަދި "ދައުލަތުގެ މުދަލާއި ރައްޔިތުންގެ މުދަލަށް ގެއްލުންވާ ފަދަ އަމަލުތަކެއް ކުރައްވާ ބޭފުޅެއް" ގެ ގޮތުގައި ފުލުހުން ފާހަގަކުރާ ބޭފުޅެއް ކަމަށެވެ. ޒުހައިރު ވިދާޅުވި ގޮތުގައި ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ، ގާޒީއަކަށް ވުރެ ބޮޑަށް ޖަރީމާތަކަކަށް ތުހުމަތުކުރެވޭ "މުޖުރިމެއްގެ" ގޮތުގަ އެވެ. އަބްދުﷲ ގާޒީ ވަނީ "އަސްކަރީ ބަންދެއް"ގައި ކަމަށް އދ. އިން ބުނި ނަމަވެސް ސަރުކާރުން އެ ގޮތަށް ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ