ފުލުހެއްގެ ކަންފަތްމަތީޖެހި މީހާއަށް ދިން އަދަބަށް ސީޕީ ފާޑު ވިދާޅުވުމުން ކޯޓުން "ހަމަލަ" ދީފި

ނުރައްކާތެރި އިހުސާނުންދީން ރަޝީދު، ފުލުހެއްގެ ކަންފަތްމަތީ ޖެހި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަފުޅަށް ކްރިމިނަލް ކޯޓުން ރައްދެއް ދީފި އެވެ.
ގ. މަސްއޮޑީގޭ އިހުސާނުއްދީން ރަޝީދު ހައްޔަރު ކުރަން މިދިޔަ މާޗްމަހުގެ 26 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އުޅުނު ފުލުހެއްގެ ކަންފަތްމަތީގައި އިހުސާން ޖެހި މައްސަލައަކާއި ގުޅިގެން ދައުލަތުން ކުރި ދައުވާގައި އިހުސާން 3000ރ. އިން ޖުރިމަނާ ކުރުމުން އެ ހުކުމުގެ މައްޗަށް ރިޔާޒް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެ ވާހަކަތަކަ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ވަނީ ނޫސްވެރިނަށް މައުލޫމާތު ދީފަ އެވެ.
ކްރިމިނަލް ކޯޓުން މީޑިޔާ ކޯޑިނޭޓާ އަހުމަދު މުހަންމަދު މަނިކު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ކޯޓުން ހުކުމް ކޮށްފައިވަނީ ދައުލަތުން ކޮށްފައިވާ ދައުވާއަށް ދެ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު ކުށުގެ ކުޑަބޮޑު މިނަށް ވެސް ބަލައިގެން ކަމަށެވެ.
ފުލުހެއްގެ ކަންފަތްމަތީގައި އިހުނާނުއްދީން ރަޝީދު ޖެހި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހެއްގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ އެވެ. މި މައްސަލައިގެ ޝަރީއަތުގައި ފުލުސް މީހާދީފައިވާ ބަޔާނުގައި ބުނެފައިވަނީ އިހުސާނުއްދީން ރަޝީދުގެ އަތުން އޭނާގެ "ކަންފަތްމަތީގައި ޖެހުނީ" ކަމަށެވެ. ކޯޓުން މިއަދު ވަނީ ދެ ފަރާތުން ޝަރީއަތަށް ދީފައިވާ ބަޔާން ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ.
ފުލުސް މީހާގެ ބަޔާނުގައި ބުނެފައިވަނީ "އެ އޮޕަރޭޝަންގައި އުޅެނިކޮށް އޭނާ [އިހުސާން]ގެ އަތުން އަޅުގަނޑުގެ ކަންފަތްމަތީގައި ޖެހުނީ" ކަމަށެވެ. އަދި އެ ބަޔާނުގައި ވެއެވެ: "މެޑިކަލް ރިޕޯޓް ހުށަހެޅުމަށް ޑޮކްޓަރަށް ދެއްކިން. ކަންފަތަށް އަނިޔާވި ކަމަކަށް ޑޮކްޓަރު ފާގަކޮށްފައެއް ނުވޭ، ޑޮކްޓަރު ވިދާޅުވީ ތިރީ މަންތެއް [ތިން މަސް] ފަހުން އަންނާށޭ"
އިހުސާނުއްދީން ޝަރީއަތަށް ދީފައިވާ ބަޔާނުގައި ބުނަނީ އޭނަގެ އަތުން ފުލުސް މީހާގެ ކަންފަތްމަތީގައި ޖެހުނު ކަމަށާއި އަދި ފަހުން މާފަށް ވެސް އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުގެ އަތުން އޭނަގެ ކަންފަތުގައި ޖެހުނު، އެހާ ބާރަކަށްވެސް ނޫން، މި މައްސަލާގައި އެމީހުންގެ ފަރާތުން އަޅުގަނޑު މާފަށް އެދުނިން އަދި މާފުވެސް ކުރި" އިހުސާންގެ ބަޔާނުގައި ވެއެވެ.
މަނިކު ވިދާޅުވީ އިހުސާނުއްދީނު ކުރި ކުށަށް ޝަރީއަތް ހިންގައި ގާޒީން ނިޔާ ކަނޑައަޅުއްވާފައި ވަނީ އިހުސާންގެ ކުށުގެ ރެކޯޑަށް ވެސް ބަލާއި ދެފަރާތަށް ވެސް ހަމަހަމަ އުސޫލަކުން ކަމަށެވެ.
ފުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހެއްގެ އަދަބަކީ 12000ރ. ޖޫރިމަނާ ކުރުން ނުވަތަ ހަ މަސްދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މަނިކު ވިދާޅުވީ މިމައްސަލައާއި ގުޅިގެން އިހުސާނުއްދީން ރަޝީދު 3000 ރ. ޖޫރިމަނާކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސްއެޅި ފުރަތަމަ ފަހަރު ކަމަށްވާތީވެ ކުށުގެ ކުޑަބޮޑު މިނަށް ބަލައި ކަމަށެވެ.
އިހުސާނުގެ "ހަމަލަ" އާ ގުޅިގެން ކޮމިޝަނާ ރިޔާޒް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ރިކޯޑިން ވެސް ކްރިމިނަލް ކޯޓުން މިއަދު ނޫސްވެރިންނާ ހިއްސާ ކުރި އެވެ. އޭގައި ބުނެ އެވެ:
"...މިހާރު ވެސް މި ފުރުސަތުގައި ފާހަގަކުރަން އެބަތިބި ފުލުހެއްގެ ކަންފަތްމަތީ ޖެހިޖެހީނުން ކަންފަތަށް އަޑުނިވޭ ފުލުހަކު. ޑިއުޓީގައި ހުއްޓައި. އެ މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ ކުރުމުން އެމީހަށް އައި އަދަބަކީ 3000. ރުފިޔާ އިން ޖޫރިމަނާ. މިހިރީ!"
މި މައްސަލައާ ގުޅިގެން މިއަދު މައުލޫމާތު ހިއްސާ ކުރި އިރު މިފަދަ ބައެއް މައްސަލަތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވެސް ވަނީ މިދިއަ މާޗު މަހުގެ 24 ވަނަ ދުވަހު ވާހަކަފުޅު ދައްކަވާފަ އެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ދަށު ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކުރުމުން އެ މައްސަލަކާ މެދު ފަނޑިޔާރު ނިންމާ ނިންމުމަކާ ގުޅިގެން ފުލުން ވަކި ގޮތަކަށް މިން އަޅައި ވަޒަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވެސްޓްޕާކް ކުރިމަތިން ވަޅި ހަރައި މަރާލި އަލީ ޝިފާން މަރުގެ މައްސަލައިގައި ދައުވާ ލިބުނު ހަ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން ކޮމިޝަނާ އޮފް ޕޮލިސް ފާޑު ވިދާޅުވެ އޭރު ވާހަކަފުޅު ދައްވާފައިވާތީ ފާއިޒު ވިދާޅުވީ ޕީޖީ ހުންނަވަނިކޮށް ފުލުހުން އެފަދަ ކަންކަމާމެދު އެއްޗެހި ބުނުމަކީ ނިޒާމު މަސައްކަތް ކުރާ ގޮތް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ދައުރަކީ މައްސަލަ ތަހުގީގު ކުރުން ކަމަށާއި ތަހުގީގު ކުރުމުގައި ހޯދާ ހެއްކާ ގަރީނާ އާއި ހަގީގަތްކަކަކީ ޕީޖީ ދައުވާ ކުރެއްވުމުގައި ބޭނުންވާނެ ކަންތައްތައް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ