ވޯޓު ސިއްރު ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރަން ސްޕްރީމު ކޯޓުން އަމުރެއް ނެރެފި

އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރު ކުރަން ނިންމި ނިންމުމާއި އެއްގޮތަށް އަމަލު ނުކުރުމަށް ސްޕްރީމު ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމު ވަކާލާތު ކުރައްވާ މައްސަލައާއި ގުޅިގެން ސްޕްރީމު ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރު ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރަން މަޖިލީހަށް އަންގާ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ސްޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ބާވަތަށް ބަލާ އެމައްސަލައާއި މެދު ވަކި ގޮތެއް އެކޯޓުން ނިންމަންދެން އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރު ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ.
އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރު ކުރަން ނިންމާފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ބުނެ ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ކައުންސިލު މެމްބަރު އަހުމަދު ސިއްދީގާއި އިބްރާހީމު ހުސައިންއެވެ.
ސްޕްރީމު ކޯޓަށް ހުށަހަޅާފައިވާ މިމައްސަލާގައި ބުނެފައިވަނީ ވޯޓު ސިއްރު ކުރަން ނިންމާފައިވަނީ ގާނޫނު އަސާސީއާއި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ކަންކުރާ އުސޫލުތަކައި ހިލާފަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ