އަބްދުﷲ ގާޒީ ހައްޔަރުކުރާނެ ގޮތުގެ ޕްލޭން ރޭވީ މުލިއާގޭގައި: ދައުލަތް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން ހިންގި އޮޕަރޭޝަން ރާވާފައިވަނީ އޭރުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވަމުން ގެންދެވި ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގޭގައި ކަމަށް ދައުލަތުން ރޭ ބުނެފި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރިކަމަށް ތުހްމަތުކޮށް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާގެ މައްސަލާގައި ބޭއްވި ޝާރީއަތުގައި ނަޝީދާ ދެކޮޅަށް ހުރި ކިތާބީ ހެކިތަކާއި ވީޑިއޯ އަދި އޯޑިއޯ ވަނީ ހުށަހަޅާފަ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރަން އޭރުގެ ރައީސް ނިންމެވިކަން ސާބިތުކޮށްދޭން ދައުލަތުން ހުށަހެޅި ލިޔުމަކީ މުލިއާގޭގެ ވީއައިޕީ ރޫމުގައި ހަރުކޮށްފައިވާ ކަރުދާސްގަނޑެކެވެ. އޭގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތް ރާވާފައިވާކަން އަންގައިދޭ ކުރަހުންތައް ދައުލަތުން ބުނެ އެވެ. ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ސީނިއަ ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރަބީއު ވިދާޅުވީ ދައުލަތަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، އޭރު ފުލުހުންނަށް ދިމާވި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށް ބުނެ ސިފައިން "ލިބަޓީ ޝީލްޑް" އޮޕަރޭޝަން ހިންގީ ސީދާ އަބްދުﷲ ގާޒީ ހައްޔަރުކުރަން ކަމަށެވެ. އެކަމަށް ބާރު ލިބިދޭ އަނެއް ހެއްކަކީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުރިން ގިރިފުއްޓަށް ސިފައިންގެ ޓީމެއް ފޮނުވި ކަން އަންގައިދޭ ސިފައިންގެ ރިޕޯޓް ކަމަށް ވެސް ރަބީއު ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓުމަށް ފަހު އޭނާގެ ހުރިހާ ހަރަކާތެއް ކައިރިން ބަލައި، ސިފައިންގެ ރިޕޯޓުގައި ލިޔެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ރަބީއު ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ފެންފޮދެއް ހިތްޕެވުމަށް ފަހު ތަށީގައި ބާކީ ބަހައްޓަވާ ވަރާއި ފަރިއްކުޅުވާވަރު ތަފްސީލުކޮށް ލިޔެ ދުވަހުން ދުވަހަށް ރިޕޯޓު ތައްޔާރުކުރި އެވެ. "ގާޒީ މިސްކިތަށް ދިޔަ މަގުމަތީ ގަހަކުން މަލެއް ބިނދެލި ކަމާއި އަދި ކިނބިއްސެއް އެޅި ވާހަކަ ވެސް ލިޔެފައި ހުރި،" ވަކީލް ވިދާޅުވި އެވެ. އޭގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން އެކަމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާކަން ސާބިތުކޮށްދޭން ވަޒީރުންގެ މަޖިލީހުގެ ޔައުމިއްޔާއެއް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ. އެއިން އެނގޭ ގޮތުގައި އަބްދުﷲ ގާޒީ ދޫކޮށްލަންވީތޯ ނުވަތަ ނޫންތޯ ނަޝީދު ވަނީ ވަޒީރުންގެ ކިބައިން އައްސަވައިފަ އެވެ. އެކަމާ ބެހޭ ގޮތުން އޭރުގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އެއްވެސް އެއްޗެއް ވިދާޅުނުވާ ކަން ޔައުމިއްޔާ އިން އެނގެ އެވެ. އެގޮތަށް ވަކި އެއްޗެއް މުއިއްޒު ވިދާޅުނުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި ގޮތާ މެދު އޭނާގެ ހިޔާލު އެއްގޮތް ނުވީމާ ކަމަށް ވެދާނެ ކަމަށް ނަޝީދު ވިދާޅުވިކަން ޔައުމިއްޔާ އިން އެނގެ އެވެ. ދައުލަތުން ހުށަހެޅި ކޮންމެ ހެއްކަކާ މެދު ނަޝީދު އެއްޗެއް ވިދާޅުވާން ފަނޑިޔާރު ފުރުސަތު ދެއްވި އެވެ. ނަމަވެސް ނަޝީދު އެއިން ކޮންމެ ފަހަރަކު ވެސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ކަމަށެވެ. ދައުލަތުން ހުށަހަޅާ ހެކިތައް ދިރާސާކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ ނަޝީދުގެ ވަކީލުން ވަނީ ޝަރީއަތުން ވަކިވެފަ އެވެ. ނަޝީދު ވިދާޅުވީ މިހާރު މި ފެންނަނީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އަބްދުﷲ ދީދީ އިންނަވައިގެން ގާނޫނު އަސާސީ "އުލުބާންދާ ތަން" ކަމަށެވެ. ތުހުމަތުކުރާ މައްސަލައިން ބަރީއަވުމަށް ގާނޫނީ ވަކީލަކަށް ފުރުސަތު ނުދީ ޝަރީއަތް ކުރިއަށް ގެންދަވަނީ ބޭއިންސާފުން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ. ދައުލަތުގެ ހުރިހާ ހެކިތައް ޝަރީއަތައް މިހާރު ވަނީ ހުށަހަޅާ ނިމިފަ އެވެ. އަދި ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ދިފާއީ ހެކިންގެ ހެކިބަސް ނުނެގުމަށެވެ. އެގޮތަށް ނިންމެވީ ދައުލަތުގެ ހެކިތައް ނަފީ ނުކުރެވޭނެތީ ކަމަށް އިސް ފަނޑިޔާރު ދީދީ ވިދާޅުވި އެވެ. މައްސަލަ ބައްލަވަނީ އިސް ގާޒީ ދީދީގެ އިތުރުން ޝުޖާއު އުސްމާނާއި އަބްދުލްބާރީ ޔޫސުފެވެ. މި ތިން ބޭފުޅުންނަށް ވެސް ނަޝީދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވިއިރު، ފަނޑިޔާރުންގެ ބެންޗުން ވަނީ ކޯޓުގެ ހުރުމަތްކަނޑާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ