މިއަހަރުގެ އަނބު މޫސުމާއި ދިމާކޮށް މޫސުން ގޯސްވެ ދަތުރު ފަތުރު ކުރުމަށް ދަތިތަކާއި ދިމާވުމުގެ ސަބަބުން ފުވައްމުލަކުގައި އަނބު ހައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ފުވައްމުލަކަކީ ކޮންމެ އަހަރެއްގެ ވެސް އަނބު މޫސުމާއި ދިމާކޮށް ބޮޑެތި ފައިދާތަކެއް ހޯދާ ރަށެކެވެ. މީހުން ދިރިއުޅޭ 2100 ގެ ހުންނަ އިރު 2000 ވުރެ ގިނަ އަނބު ގަސް ފުވައްމުލަކުގައި ހުރެއެވެ.
އެވެރެޖްކޮށް ކޮންމެ އަނބު މޫސުމެއްގައި ވެސް އަނބުގަހެއް ހުންނަ ގެއެއް ނަމަ 12000އާއި 15000 ދެމެދުގެ އަދަދަކަށް އަނބު ވިއްކައިގެން ނަފާ ހޯދާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ. ފުވައްމުލަކުގެ މީހުން ތިބީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ހުރިހާ ގަހެއްގައި ވެސް އަނބު އެޅިލެއް ގިނަ ކަމުން ފައިދާ ބޮޑުވާނެ ކަމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑުގަދަވެ ދަތުރުފަތުރު ކުރުމަށް އުނދަގޫވުމަކީ ފުވައްމުލަކުގެ ރައްޔިތުން މާޔޫސް ކުރުވި ކަމެކެވެ.
"މަސްދޯންޏަކަށް މުޅި ފުވައްމުލަކުން އެރުވި ދެ ލައްކައެއްހާ އަނބު، މޫސުން ގޯސްވުމުގެ ސަބަބުން ސަތަރި އަޅައިގެން ދާން ޖެހުމުން، ހުރިހާ އަނބެއްހެން ހަލާކުވީ، މޫސުން ގޯސްވުމުގެ ސަބަބުން ވެސް ވަރަށް ގެއްލުން ލިބިއްޖެ، ގަހެއްގެ ދަށުން އެބަ ނަގަން ޖެހޭ ހާހަކާއި ގާތް ކުރާ އަދަދަކަށް އަނބު ކޮންމެ ދުވަހަކު ވެސް،މިހެންވުމުން އެންމެ އެކަށީގެންވާ އަގެއް ވެސް ނުލިބޭ، ރުފިޔާއަކަށް ހަތަރެއް ފަހެއް އަނބު އެބަ ވިއްކާ މިކޮޅުގައި،" ފަސް ގަސް ގެންގުޅޭ މީހެއް ކަމަށްވާ ފުވައްމުލަކު ނޭޝަން މުހައްމަދު އަބުދުﷲ ސީއެންއެމަށް މައުލޫމާތު ދެމުން ކިޔައިދިނެވެ.
"ބޭބެގެ އަށް ގަސް ހުރޭ، ހުރިހާ އަނބެއް ބިން މައްޗަށް ފައިބާ ހަލާކުވަނީ މި،" އަށް ގަސް ގެންގުޅޭ މީހެއް ކަމަށްވާ ހަސަން އަލީ ކިޔާ ދިނެވެ.
ބައެއް ގޭގޭގައި އެންމެ ގަހެއް ހުންނަ އިރު ފަސް ހަ ގަސް، އަށް ގަސް ހުންނަ ގޭގޭ ވެސް މަދެއް ނޫންނެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން ލަފާ ކުރާ ގޮތުގައި މޫސުން ގޯސްވެ ދަތުރުފަތުރުކޮށް އުޅުމަށް ދިމާވި ދަތިތަކުގެ ސަބަބުން އެވްރެޖުކޮށް ކޮންމެ އަނބު މޫސުމަކާއި ދިމާކޮށް އެރަށުގެ ރައްޔިތުން ނަގަމުންދާ ފައިދާ މިފަހަރު މާބޮޑަށް ވެސް ދަށްވާނެއެވެ.
"2100 ގެ ހުންނަ އިރު 2000 ވުރެ ގިނަ އަނބު ގަސް ހުރޭ، އެވެރެޖްކޮށް އަނބު މޫސުމުގައި އެންމެ ގަހެއް ހުނަ ގޭގެއަށް ވެސް 12000އާއި 15000 ރުފިޔާއައި ދެމެދުގެ އަދަދަކަށް ފައިދާ ލިބޭ. ބައެއް ގޭގޭގައި ހުރޭ ފަސް ގަސް ހަ ގަސް ވެސް، އަށް ގަސް ވެސް، އެގޭގޭއަށް 30000 އާއި 40000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިދާ ލިބޭނެ. އެކަމަކު މިފަހަރު ވަރަށް ބޮޑަށް ގެއްލުންވާނެ، އަންދާޒާ މިކުރެވެނީ އެހެން ފަހަރުތަކާ އަޅާ ބަލާއިރު ފައިދާ ތިން ބައިކުޅަ ދެބަޔާއި ގާތް ކުރާ ވަރަށް ވެސް ނުލިބޭނެ ކަމަށް، މާނައަކީ އެވެރެޖްކޮށް 12000، 15000 ނަގަމުން ގެންދާ ގޭގެއަށް 4000 ނޫނީ 3000 ރުފިޔާ ލިބިދާނެއޭ،" ސީއެންއެމަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލުގެ ރައީސް އަލީ ފަޒާދު ވިދާޅުވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިފަހަރުގެ އަނބު މޫސުމުގައި ފުވައްމުލަކަށް ގެއްލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ