ޔަމަންގެ ދެ މިސްކިތަކަށް ދިން ހަމަލާތަކެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ސަނާ - ޔަމަންގެ ވެރިރަށް ސަނާގެ ކޮންޓްރޯލް މިހާރު ހޯދާފައިވާ ޝީއީންގެ ޖަމާއަތް ހައުތީ އަށް ސަޕޯޓްކުރާ މީހުން އާންމުކޮށް ބޭނުންކުރާ ދެ މިސްކިތަކަށް އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކެއްގައި 137 އަށް ވުރެ ގިނަ މީހުން އިއްޔެ މަރުވެއްޖެ އެވެ. ޝީއީންގެ އެއް މިސްކިތަކަށް ދިން ހަމަލާގައި ހަތަރު މީހަކު ބައިވެރިވި ކަމަށްވެ އެވެ. އޭގެ ތެރެއިން އެކަކު މިސްކިތް ތެރޭގައި، މީހުން ގިނަވި ވަގުތު އަމިއްލަށް ބޮން ގޮއްވާލި އެވެ. އަދި މީހުންތައް ބިރުން ނުކުންނަން ދިޔަ އިރު ދޮރު ކައިރީގައި ހުރެ ދެ ވަނަ މީހާ އަނެއް ބޮން ގޮއްވާލީ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ. މި ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވަނީ އުފުލައިފަ އެވެ. މިއީ ޔަމަންގައި އައިއެސް އުފެދުނު ފަހުން ދިން ފުރަތަމަ ހަމަލާ އެވެ. އައިއެސް އިން ބުނި ގޮތުގައި ޝީއީންނާ ދެކޮޅަށް އަދިވެސް ހަމަލާތައް ދޭނެ އެވެ. ޔަމަންގެ ވެރިރަށް މިހާރު ވަނީ ޝީއީންގެ ހަނގުރާމަވެރި ޖަމާއަތުގެ ބާރުގެ ދަށުގަ އެވެ. ޔަމަންގެ ރައީސް އަބްދުރައްބޫހު މަންސޫރު ހާދީ ވެރިރަށް ސަނާ ދޫކުރައްވާ ދިރިއުޅުއްވަނީ އަދަންގަ އެވެ. މިދިއަ ބުރާސްފަތިދުވަހު އެ ސަރަހައްދުގައި، ހާދީ އަށް ތެދުވެރި ސިފައިންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ތާއީދުކުރާ މީހުންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ވެސް ބަދަލުކޮށްފައިވެ އެވެ. ރައީސް ހާދީ އަށް ތާއީދުކުރާ ހަނގުރާމަވެރިން، އަދަންގައި ހުންނަ ސިފައިންގެ ހާއްސަ ޔުނިޓް ކައިރީގައި މިދިއަ ބުރާސްފަތި ދުވަހު މަޑުކޮށްލައިގެން: އަދަންގައި ހާދީ އާއި ކުރީގެ ރައީސަށް ތާއީދުކުރާ މީހުން ހަމަލާތައް ބަދަލުކުރި --ފޮޓޯ/އޭއެ އަދަންގައި ހުރި ރިޔާސީ ގަނޑުވަރަށް އިއްޔެ ވަނީ މަތިންދާބޯޓުތަކުން ހަމަލާދީފަ އެވެ. އެކަމަކު ހާދީގެ އަރިސް މީހުން ބުނާ ގޮތުގައި އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަނެ އެވެ. ހާދީ އަށް ރައީސްކަން ލިބިވަޑައިގަތީ 2011 ގައި، އޭރު ރައީސްގެ މަގާމުގައި ހުންނެވި ސާލިހާ ދެކޮޅަށް ކުރި މުޒާހަރާތަކަށް ފަހު އެވެ. ވެރިރަށަށް ބާރުގަދަކޮށްގެން އުޅޭ ހައުތީ ޖަމާއަތަށް ސާލިހު އެހީތެރިވެ އެވެ. އެކަމަކު ރައީސްގެ މަގާމުގައި ސާލިހު ހުންނެވި އިރު ހައުތީ ހަނގުރާމަވެރިން ނުކުތީ އޭނާއާ ދެކޮޅަށެވެ. ބުރާސްފަތިދުވަހު އަދަންގައި ބަދަލުކުރި ހަމަލާތަކުގައި ހަ މީހުން މަރުވި އެވެ. ޔަމަންގެ އެތެރޭގެ ހަމަނުޖެހުން މިހާރު އަންނަނީ ބޮޑުވަމުންނެވެ. އައިއެސްގެ އިތުރުން އެއީ އަލް ގައިދާގެ ބާރު ވެސް ގަދަ ތަނެކެވެ. އެހެންކަމުން ތަފާތު ފިކުރުގެ ގްރޫޕްތައް ގިނަވުމުން ގައުމުގެ މަސްރަހަށް ކުރިމަތިވެފައިވާ ގޮންޖެހުމާއި ބިރުވެރިކަން ބޮޑެވެ. ހޮސްޕިޓަލްތަކުން ބުނި ގޮތުގައި އިއްޔެގެ ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. ޔަމަންގެ އަލް ގައިދާ އިން ބުނީ މިސްކިތްތަކާއި އާންމުން އެއްވާ ބާޒާރު ކަހަލަ ތަންތަނަށް އެމީހުން ހަމަލާ ނުދޭނެ ކަމަށެވެ. އެހެންކަމުން އައިއެސްގެ ހަމަލާތައް މި ގޮތަށް ޔަމަންގައި ފެށުމަކީ، ޝީއީންނާއި ސުންނީންނާ ދެމެދު ޔަމަންގައި ރުޅިވެރިކަން ބޮޑުވާނެ އަމަލެއް ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ