"ރައްޔިތުން މާޔޫސްކޮށެއް ނުލާނަން"

ޖުމްހޫރީ ގުޅުމުގައި ހިމެނޭ ހުރިހާ ޕާޓީ ތަކަކުން ވެސް ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ރައްޔިތުން މާޔޫސްވާ ފަދަ އެއްވެސް ކަމެއް ޖުމްހޫރީ ގުޅުމުން ނުކުރާނެ ކަމަށް ޖުމްހޫރީ ގުޅުމުގައި ހިމެނޭ ޕާޓީ ތަކުގެ އިސްވެރިން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ އިސްވެރިން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ފުރަތަމަ ފަހަރަށް ޖުމްހޫރީ ގުޅުމުގެ ސަޕޯޓަރުންނާ މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ވީޓީވީން ވަގުތުން ދުރަށް ދެއްކި މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ އެތައް ކަމެއް ހިނގާފައިވާ ކަމަށާއި، އެކަންކަން ވޯޓް ލުމުގެ ކުރިންނާ، ވޯޓް ލުމުގެ ކަންކަން ކުރިއަށް ދަނިކޮށް އަދި ވޯޓްލާ ނިމި ނަތީޖާ އިއްވުމުގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ހައްލު ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެކަށީގެންވާ ފިޔަވަޅު ތަކެއް އަޅާފައި ނުވާ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ހުރިހާ ޕާޓީ ތަކަކުން ވެސް އިންތިހާބުގައި ގާސިމް އިބްރާހިމާއެކު ނިކުންނެވީ ގައުމުގެ މިނިވަންކަމާ އިސްލާމްދީނުގެ ދިފާއުގައި ކަމަށާއި، އެ ގުޅުމުގެ ބައިވެރިން އަދިވެސް ތިއްބެވީ އެ ގޮތުގައި ކަމަށެވެ.
އިމްރާން ވިދާޅުވީ ނަތީޖާއަށްފަހު ރައްޔިތުންނާ ބައްދަލު ކުރުން ލަސްވީ އިންތިހާބުގެ ނަތީޖާގައި މައްސަލަތަކެއް އުޅޭތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް މަސައްކަތްތަކެއް ކުރަންޖެހުމުން ކަމަށާއި، ޖުމްހޫރީ ގުޅުމުން ވަކި އެއްޗެއް އަންގަންދެން އިންތިހާބުގައި އެގުޅުމަށް ތާއީދުކުރެއްވި ފަރާތްތަކުން ވަކި ގޮތެއް ނުނިންމާ ޖުމްހޫރީ ގުޅުމާއެކު ސާބިތުވެ ތިބުމަށް އެދޭ ކަމަށެވެ.
އިމްރާން ވިދާޅުވީ ޖުމްހޫރީ ގުޅުމުން ރައްޔިތުން މާޔޫސްވާ ފަދަ ކަމެއް ނުކުރާނެ ކަމަށާއި، ގައުމަށް "ގައްދާރުވި" މީހުންގެ ކުރިމަތީގައި އެ ގުޅުމުން ބޯ ނުލަބާނެ ކަމަށެވެ.
"އެމްޑީޕީއަށާއި ނަޝީދަކަށް އަޅުގަނޑުމެން ދުލެއް ނުދޭނަން. މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިގްތިސާދު ފުނޑާލާކަށް ފުރުސަތެއް ނުދެވޭނެ. ގައުމަށް ގައްދާރުވި މީހުންގެ ކުރިމަތީގައި މިއަށްވުރެ މާ ނުރައްކާތެރި ކަންކަމުގައި ނިކުމެ އަޅުގަނޑުމެން މިތިބީ ކާމިޔާބު ހޯދާފައި. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ﷲ ނަސްރު ދެއްވާނެ. އެވަގުތު އަޅުގަނޑުމެންނަށް ނޭނގެނީ،" އިމްރާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި، އަދި އަދާލަތު ޕާޓީގެ އެއްވެސް ބޭފުޅަކުވެސް އެކަމުގައި ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ރިޔާސީ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރުމާއެކު ސިޔާސީ ގޮތުން ދެން ކުޅެން ޖެހޭ ކުޅުންތައް ވެސް ކުޅެމުންދާ ކަމަށެވެ.
އަމީންވެސް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ އެއްވެސް ބައިވެރިޔަކު ވަކިވެގެން ނުދާނެ ކަމަށާއި، އެގުޅުމުން ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ހައްގުގައި ކަމަށެވެ.
"އަޅުގަނޑުމެން އަދި ޕޮލިސީ ލެވަލްގައި ވަކި ބަޔަކާ ގުޅޭކަށް ވެސް އަދި ނުގުޅޭކަށް ވެސް ނުނިންމަން،" އަމީން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅިގެން އެންމެ ގިނައިން އެ ކޯލީޝަނަށް ލިބިފައިވަނީ ބައެއް ގޭގެ ރަޖިސްޓްރީގައި ނެތް މީހުން އެގޭގެ ނަމުގައި ވޯޓްލީ މައްސަލަ ކަމަށާއި، އިންތިހާބުގައި ފާހަގަކުރެވުނު މައްސަލަތައް ޖުމްހޫރީ ގުޅުމާއި ހިއްސާ ކުރުމަށް އެގުޅުމަށް ތާއީދުކުރާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ގައުމީ ޕާޓީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެޕާޓީގެ ނައިބް ރައީސް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެމްޑީޕީއަކީ 40،000 މީހުންގެ ޕާޓީއަކަށްވާއިރު، އެޕާޓީއަށް 95،000 ވޯޓް ލިބުމަކީ ވިސްނަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓްގައި ވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ.
"މިމައްސަލަތައް ހުރީމާ އަޅުގަނޑުމެން މިހާރު ވަނީ އިންތިހާބުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނިންމާފައި. އަޅުގަނޑުމެން ހުރިހާ މީހުންވެސް ދަތުރުކުރާނީ އެކީގައި. ވަކިވެގެން ނުދާނެ. ރައްޔިތުން އެދޭ ގޮތަށް ކުރިއަށްދާނީ" ރިޔާޒު ވިދާޅުވި އެވެ.
ނޭޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް (އެންއީއޭ) ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ވަގުތީ ނަތީޖާއިން ޖުމްހޫރީ ގުޅުމަށް ނާކާމިޔާބުވިޔަސް ވޯޓް ކާމިޔާބު ކުރީ އެގުޅުމުން ކަމަށެވެ.
ފަޔާޒު ވިދާޅުވީ އެބޭފުޅުންގެ ޓެކްނިކަލް ދިރާސާތަކުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަން އެނގޭ ކަމަށާއި، އެހެންކަމުން ނަތީޖާ ސައްހަ ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، އެކަންކަމަށް ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ފަރާތްތަކުގެ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކޮށް އަރުވަން މިގުޅުމުގައި ހިމެނޭ އެއްވެސް ފަރާތެއް އެމްޑީޕީއާ އެއްކޮށެއް ނުދާނެ. ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެން މިގުޅުމުން ނިންމާ ނިންމުން ހާމަކުރާނަން. ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ފަރާތްތަކުން އެހާތަނަށް ގޮތެއް ނުނިންމަވާ ކެތްކޮށްލަ ދެއްވުމަކީ އަޅުގަނޑުމެން އާދޭހާއެކު އެދޭ އެދުމެއް،" ފަޔާޒު ވިދާޅުވި އެވެ.
މިބައްދަލުވުމުގައި މަދަނީ އިއްތިހާދުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެގުޅުމުގެ ނައިބް ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ހަތެއް ސެޕްޓެމްބަރުގައި ތިން ވައްތަރެއްގެ ވޯޓް ކަރުދާސް ބޭނުން ކޮށްގެން "ތިން ވައްތަރެއްގެ އިންތިހާބު" ބާއްވާފައިވާ ކަމަށާއި، އެގޮތަށް އިންތިހާބެއްގައި އަމަލު ނުކުރެވޭނެ ކަމަށެވެ.
އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކުރައްވާ އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓް ފޮށި ތަކުގެ ކައިރީގައި އެމްޑީޕީގެ މީހުން ގިނަ އަދަދަކަށް ހަރަކާތްތެރިވި ކަމަށާއި، އަދި އެޕާޓީއަށް އިންތިހާބުގައި 95،000 ވޯޓް ލިބުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އިންތިހާބު އޮޅުވާލި ކަމަށް މިބުނާ ހެކިތައް ކޯޓުގައި ސާބިތުކޮށްދޭނަން. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ހޯދާނަން. އަޅުގަނޑު އެދެނީ ރައްޔިތުން މާޔޫސް ނުވުމަށް،" އަބްދުﷲ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުގެ އިސްވެރިން ވަނީ ސެޕްޓެމްބަރު ހަތްވަނަ ދުވަހުގެ އިންތިހާބުގައި ޖުމްހޫރީ ގުޅުމަށް ތާއީދުކުރައްވާ ވޯޓް ދެއްވި ހުރިހާ ފަރާތްތަކަކުން ވެސް އެގުޅުމަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށް ވިދާޅުވެ ޖުމްހޫރީ ގުޅުމަށް ތާއީދުކުރެއްވި ހުރިހާ ފަރާތްތަކަކަށްވެސް ޝުކުރު އަދާ ކުރައްވާފަ އެވެ.
ސިޔާސީ ޕާޓީއެއްގެ ދަރަޖައިގައި ޖުމްހޫރީ ގުޅުމާ ގުޅިވަޑައިގެންފައިވާ އުމަރު ނަސީރުގެ ޓީމް ތަމްސީލް ކުރައްވާ އެއްވެސް ބޭފުޅަކު މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ