އޭވައިއެލް ބަލިކޮށް މާޒިޔާ ފައިނަލަށް

އޭވައިއެލް 6-1އިން ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ މިރޭ ދަތުރުކޮށްފި އެވެ.
ގާތްގަނޑަށް ދޮޅުމަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފުޓްބޯޅަ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ދަނޑު އޮތީ މުޅިންހެން ފަޅަށެވެ. ގާތްގަނޑަކަށް 50ށް މީހުން ކުރިމަތީގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމމަ ލަނޑު ޖެހީ 11 ވަނަ މިނިޓްގައި މާޒިޔާގެ ބަލްގޭރިޔާ މިޑްފީލްޑަރު ޔާވޯ ބޮރިސޯފެވެ. އޭގެ 13 މިނިޓް ފަހުން އޭވައިއެލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހަސަން ސޮލާހު އެވެ.
މާޒިޔާއިން ނަތީޖާ ނެރުނީ ފަހުހާފުގައި ޖެހި ލަނޑު ތަކުންނެވެ. އަސަދުﷲ އަބުދުﷲ ދެ ގޯލު ޖެހިއިރު އަހުމަދު މުހައްމަދު (އައްމަޑޭ) އާއި ޑިފެންޑަރު ޝާފިއު އަހުމަދު އަދި އަހުމަދު ނާޝިދު (ނާއްޓޭ) ލަނޑު ޖެހި އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފަހު މެޗުގައި މާދަމާ ރޭ ކުޅޭނީ ނިއު އާއި އީގަލްސް އެވެ. އެންމެ ފަހުގެ ރަނަރަޕް އީގަލްސް އަކީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ކަޓުވާލި ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ